އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި 7 މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އޭގެ ތެރެއިން އެއްބަޔަކަށް ފަރުވާދެމުން ގެންދަނީ ފޭދޫ ހެލްތު ސެންޓަރުގައި ކަމަށެވެ. އަނެއްބަޔަކަށް ފަރުވާ ދެމުން ގެންދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ.

މިއީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 1830 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި އޭއީއެޗަށް ގެންދިޔަ މީހުންނަށް އިމަރޖެންސީ ރޫމުގައި ދަނީ ފަރުވާ ދެމުންނެވެ. އެތަނަށް ގެންގޮސްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނަކާއި 26 އަހަރުގެ ޒުވާނެއް ކަމަށް އޭއީއެޗުން ވިދާޅުވިއެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހުންގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މާލޭ ލޮނުޒިޔާރަތް ކޮޅުގައި ވެސް މިއަދު ވަނީ ބައެއްގެ މެދުގައި މާރާމާރީއެއް ހިންގައިފައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެސަރަހައްދަށް ދިޔައިރު އެމީހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.