މެކިންޒީ ގްލޯބަލް އިންސްޓިޓިއުޓްގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ މުދަލާއި ޚިދުމަތްތައް ބޭނުންކުރާ މީހުންގެ އާބާދީ އުތުރު އެމެރިކާ އަދި ހުޅަނގު ޔޫރަޕުން އިންޑިޔާއާއި އޭޝިއާއަށް ބަދަލުވެ، ކޮންސިއުމަރުންގެ ޗާޓަށް ބޮޑު ބަދަލެއް އަންނަމުންދެއެވެ.

މި ބަދަލުން ދައްކުވައިދެނީ މި ހިސާބުގައި އާމްދަނީ އިތުރުވުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ކަސްޓަމަރުން ބޭނުންވާ ގޮތްތަކަށް ބަދަލު އައުމުގެ ސަބަބުން މި ސަރަހައްދުތަކުގެ ނުފޫޒު ދުނިޔޭގެ އިޤްތިޞާދީ މައިދާންގައި އިތުރުވަމުންދާ ތަނެވެ.

ރިޕޯޓުގައި ބުނެފައިވަނީ، "މުދަލާއި ޚިދުމަތްތައް ބޭނުންކުރާ މީހުންގެ އާބާދީ އުތުރު އެމެރިކާ އަދި ހުޅަނގު ޔޫރަޕުން ބަދަލުވެ، އަލަށް ބާޒާރަށް ވެރިވަމުން އަންނަ އިގްތިސާދުތަކަށް ކަމަށްވާ އޭޝިއާގެ ޤައުމުތަކަށާއި އިންޑިޔާއަށް ބަދަލުވަމުން ދާކަމަށެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކުން ދުނިޔޭގެ ސިނާއަތަށާއި އުފެއްދުންތެރިކަމަށް ބޭނުންވާ މަސައްކަތްތެރިން ފޯރުކޮށްދިނުމާއެކު މުދާ ބޭނުންކުރުމުގައިވެސް އިތުރު ހިއްސާއެއް ފޯރުކޮށްދެ އެވެ. އެހެންކަމުން އެ ޤައުމުތަކުގެ އުފެއްދުންތެރިކަމާއި ފާގަތިކަމަކީ ދުނިޔޭގެ ކުރިއެރުމަށް މުހިންމު ބައެއްކަމަށްވެސް މެކިންޒީގެ މާކެޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 1997 ގައި 12 އިންސައްތައިގައި އޮތް އިންޑިޔާއާއި އުފެދެމުން އަންނަ އޭޝިއާގެ މާކެޓްތައް ދުނިޔޭގެ ޕާޗޭސިންގ-ޕަވަރ ޕެރިޓީ (ޕީޕީޕީ) ކޮންސަމްޕްޝަން މިންގަނޑުގައި 2050 ވަނަ އަހަރު ނިމޭއިރު 30 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

އެއާ ޚިލާފަށް، އުތުރު އެމެރިކާ، އަދި ހުޅަނގު ޔޫރަޕުގެ ހިއްސާ ދުނިޔޭގެ މުދާ ބޭނުންކުރާ މިންވަރުގައި 1997 ގައި 60 އިންސައްތައިގައި އޮތުމަށްފަހު، 30 އިންސައްތައަށް ވެއްޓިގެންދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މިރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ބަދަލަކީ ދުނިޔޭގެ ވިޔަފާރިތަކަށް ފުން އަސަރުތަކެއް ކުރާނެ ބަދަލެކެވެ. ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ސަރަހައްދުތަކުގެ ކުންފުނިތަކުން މި ބަދަލުވަމުންދާ މާކެޓް ޓްރެންޑަށް ހޭނެން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.