ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް މާލީ ގޮތުން އެހީވުމަށް އަވަށްޓެރި އިންޑިޔާއިން މީގެ މަހެއްހައި ދުވަސް ކުރިން ނިންމި ނިންމުން މުރާޖައާ ކުރަން އެގައުމުން ނިންމައިފި ކަމަށް "އިކްނޮމިކް ޓައިމްސް" އިން ބުނެފިއެވެ.
އިކްނޮމިކް ޓައިމްސްގައި ބުނެފައި ވަނީ، ރާއްޖެއަށް މާލީ އެހީވުމުގައި އިންޑިޔާއިން ދެވަނަ ވިސްނުމަކަށް ދިޔައީ މިދިޔަ މަހު ރާއްޖެއިން ޗައިނާ އަދި ތުރުކީއާއެކު "ފްރީ ޓްރޭޑް" އެއްބަސްވުމުގައި ސޮއި ކުރުމުން ކަމަށެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ކަސްޓަމްސް ރެވެނިއު ގޮތުގައި ރާއްޖެއަށް އަހަރަކު 30-40 މިލިޔަން ޑޮލަރު ގެއްލުން ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށް އިކްނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.
އިކްނޮމިކް ޓައިމްސްގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅިގެން އިންޑިޔާއިން އަވަސް ލުއިތަކެއް ރާއްޖެއަށް ހަމަޖައްސައިދިން ނަމަވެސް، އިތުރަށް ދަރަނި ދީފިނަމަ ދިގު މުއްތަކަށްބަލާއިރު އެކަން ރާއްޖެއަށް މެނޭޖްކުރެވިދާނެތޯ މިއީ އިންޑިޔާގެ ކަންބޮޑުވުމެއް ކަމަށެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް އިތުރު އަހަރަކަށް އިތުރުކޮށްގެން އިންޑިއާއިން ރާއްޖެއަށް ބަޖެޓުގެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއުލާންކުރިއެވެ.
ރާއްޖޭގެ އިގްތިސާދަށް ބޮޑު އެހީތެރިކަމެއް ވެދިނުމަށް އިންޑިޔާއިން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ޕެކޭޖުގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ޑީލެއް ހިމެނޭއިރު، އިތުރު 30 ބިލިއަން ރުފިޔާ (357 މިލިއަން ޑޮލަރު؛ 273 މިލިއަން ޕައުންޑް) ގެ އިތުރު ސްވޮޕް އެރޭންޖްމަންޓެއް ހިމެނޭއިރު، ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން މުއާމަލާތްތައް ކުރެވޭނެ އެވެ.
ރާއްޖެއަށް މާލީ އެހީދިނުމާމެދު އިންޑިޔާއިން ދެވަނަ ވިސްނުމަކަށް ހިނގައްޖެކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރިނަމަވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިކަމާ ގުޅިގެން ވަކިއެއްޗެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.