ސްވިޑެންގެ ހޮވްސްޖޯ ޑިސްޓްރިކްޓްގައި ހުންނަ އޭނާގެ އެޕާޓްމަންޓްގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުން މަޝްހޫރުކަން ހޯދާފައިވާ އެކްޓިވިސްޓް ސަލްވާން މޫމިކާ (38 އަހަރު) ބަޑިޖަހައި މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެ ރޭ އެވެ.

އިރާގުގެ ކްރިސްޓިއަން ހިޖުރަވެރިއެއް ކަމަށްވާ މޫމިކާގެ ގަޔަށް ބަޑިޖަހައި އޭނާ ނައްތާލާ ފައިވަނީ ސޮޑަރޓަލްޖޭގައި ހުންނަ އޭނާގެ އެޕާޓްމަންޓްގެ ތެރޭގައެވެ. މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގިއިރު އޭނާ ހުރީ ޓިކްޓޮކް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރަމުންނެވެ.

ސްޓޮކްހޯމް ރީޖަންގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބަޑިޖެހުމުގެ ރިޕޯޓު ލިބުމާ ގުޅިގެން ރޭ 11 ޖަހާއިރު އެ އެޕާޓްމަންޓް އިމާރާތަށް ފުލުހުން ދިޔައެވެ. އަދި އެ ސަރަހައްދު ވަށާލުމަށްފަހު ތަހުގީގު ޓީމުތަކާއި ޑްރޯންތައް ވެސް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ސްވިޑެންގެ ޕަބްލިކް ޓީވީ ބްރޯޑްކާސްޓަރު އެސްވީޓީ ނިއުސް އާއި ކްރިމްފުޕް.ސޭ އިން މަރުވި މީހާއަކީ ސަލްވާން މޫމިކާ ކަން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން މިހާތަނަށް މި މައުލޫމާތު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ގުރުއާނު އަންދާލުމުގެ އަމަލުތަކާއި މުސްލިމުންނަށް ނަފްރަތު އުފެއްދުމުގެ މައްސަލައެއްގައި މޫމިކާގެ މައްޗަށް ހުކުމެއް އިއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.