މިޔަންމާރ ގެ އިންތިޚާބީ ސަރުކާރު ވައްޓާލުމާ ދެކޮޅަށް މަގުތަކަށް ނިކުންނަ މީހުންނާ ދެކޮޅަށް ސިފައިން ދަނީ ދިރޭ ވަޒަން ބޭނުން ކުރަމުންނެވެ. މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ބަޑި ޖެހުމުގެ ސަބަބުން 12 މީހުންގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ.

އެސިސްޓެންސް އެސޯސިއޭޝަން އޮފް ޕޮލިޓިކަލް ޕްރިޒަނަރޒް އިން ބުނެފައިވާ ގޮތުގައި ސިފައިން ދަނީ ބެލުމެއް ނެތި އިންޒާރަކާ ނުލައި މުޒާހަރާ މީހުންގެ ތެރެއަށް ބަޑި ޖަހަމުންނެވެ.

އދން ބުނާ ގޮތުން މިޔަންމާރ ގައި މުޒާހަރާ ކުރާ މީހުންގެ ލޭއޮހޮރުވުން ހުރިގޮތުން، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަ ކުރެވޭ ގޮތަށް ސިފައިންގެ ކަންތައްތައް ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

މިޔަންމާރ އަކީ، ވައްޓާލާފައިވާ ސަރުކާރުގެ ބޮޑުންނާއެކު، ގެންބިއާއާއި ދިވެހިރާއްޖެއިން އެމީހުންނާ ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް، ރޮހިންގާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ ތުހުމަތުގައި މައްސަލަ ވައްދާފައިވާ ފަރާތެކެވެ.

1 ފެބްރުއަރީގައި ސިފައިން ވެރިކަން ވައްޓާލި ފަހުން ބޮޑެތި ސިޓީތަކުގައި މުޒާހަރާތައް ވަނީ އާންމު ވެފައެވެ.

މީސްމީޑިއާގައި ހާމަކޮށްފައިވާ ފޮޓޯއެއްގައި ވަނީ މުޒާހަރާ ކުރާ މީހެއްގެ ބޮލަށް އެރި ވަޒަނުން ބޯ ގޮވައިގެން ގޮސް، ސިކުނޑި ޗިސްޗިސްވެ، މަގުމައްޗަށް ފެތުރިގެން ގޮސްފައިވާ މަންޒަރެވެ.