ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން އަދި ވަރުގަދަ ބާރު ރެއާލްމެޑްރިޑުގެ މައްޗަށް 1-0 އިން އެސްޕަނިޔޯލް ރޭ ކުރި ހޯދައިފިއެވެ.

ބާސެލޯނާ ސިޓީއަށް ނިސްބަތްވާ އެސްޕަނިޔޯލްއިން ރެއާލް ބަލިކުރީ މެޗުގެ 85 ވަނަ މިނެޓުގައި ޑިފެންޑަރު ކާލޮސް ރޮމެރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ގިނަވަގުތު ބޯޅަ ހިފަހައްޓައި، މޮޅަށް މިމެޗުގައި ކުޅުނީ ރެއާލްއިންނެވެ. ރެއާލްއިން 21 ހަމަލާ އުފައްދިއެވެ. މީގެ ތެރެއިން 5 ހަމަލާގެ ހުރަހަކަށްވީ އެސްޕަނިޔޯލްގެ ކީޕަރު ގާސިޔާއެވެ. އެސްޕަނިޔޯލްއަށް މުޅި މެޗުގައި ރެއާލްގެ ގޯލަށް އަމާޒުކޮށްލެވުނީ އެންމެ 2 ހަމަލާއެވެ.

މެޗަށްފަހު، ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަންޗެލޮއްޓީ ބުނީ ރޮމެރޯ، ކިލިއަން އެމްބައްޕޭއަށް ކުރި ފައުލަކީ ސީދާ ރަތްކާޑް ދައްކަންޖެހޭ ފައުލެއް ކަމަށެވެ.

މިމެޗުން ރެއާލް ބަލިވުމުން، ތާވަލުގެ އެއްވަނައިގައި ރެއާލްއަށް މިހާރު އޮތީ 1 ޕޮއިންޓުގެ ލީޑެކެވެ. ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 48 ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ ވަނީ ރޭ މަޔޯކާ އަތުން 2-0 އިން މޮޅުވެފައެވެ. ތިންވަނައިގައި ބާސެލޯނާ އޮތީ 41 ޕޮއިންޓާއެކުއެވެ.