އިޖްތިމާއީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ހާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ދާދިފަހުން އެމްޑީޕީއިން މަގުމަތީގައި ބޭއްވި ހަރަކާތެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިފުޅަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، އެކަން ކުއްވެރިކުރައްވައި އެކްސްގައި ރޭ ކުރެއްވި ޓްވީޓެއްގައެވެ.

"އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ޙާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯ!" ފަހުމީ ވިދާޅުވިއެވެ.