ކަރަންޓީނު ނުވެ، މާލެއިން ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އެހެން ރަށަކަށް، ކެމްޕެއިން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިން ގޮތާމެދު ކުރީގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު(ގައްދޫ ރަޝީދު) ފާޑުވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ހިންގުމާ ގުޅޭ ގައިޑްލައިނަށް އެޗްޕީއޭ އިން ރޭ ވަނީ އިސްލާހު ގެނެސްފަ އެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް ޒިޔާރަތް ނުކުރެވޭނެއެވެ، އަދި ހުރުމަށް ހަމަޖެހިފައިވާ ތަނަށް ރަށުގައި ދިރިއުޅޭ މީހުން ގެންގޮސްގެން ބައްދަލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެއެވެ.

މިކަމާ ގުޅިގެން ގައްދޫ ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭއިން ހުއްދަ ދީފައި ވަނީ މޮހޮނަށް އޮޑިދިން ގޮތަށް ކަމަށެވެ.

އެގޮތުން ގޭގެއަށް ޒިޔާރަތް ކޮށް މީހުންނާ ބައްދަލުކުރުން މަނާ ކަމަށާއި ތިބެން ޖެހެނީ ގޭ ބަންދުގައި ކަމަށެވެ.

"މިއީ ހަމަ އޮޅުވާލުމެއް." އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި އެޗްޕީއޭ ޓެގް ކުރައްވައި ރަޝީދު ވިދާޅުވިއެވެ.

އުސޫލާއެކު އެތަށް ބަޔަކު ވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް ހަމައަކުން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަން އެޗްޕީއޭގެ އުސޫލުން ހާމަވެއްޖެ ކަމަށެވެ.