އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމީން ނަތަންޔާހޫ، ޔޫއޭއީއަށް ކުރެއްވުމަށް ހަމަޖެއްސެވި ދަތުރު ކެންސަލް ކުރެއްވީ ކުއްލި ގޮތަކަށެވެ. ބކޮޑު ވަޒިރު އޮފީހުން ފުރަތަމަ ބަޔާނެއް ނެރެން ތައްޔާރު ކުރީ، އަނބިކަނބަލުން އާލާސްކަން ފުޅާ އުޅުއްވާތީ ދަތުރު ކެންސަލް ކުރެއްވީ ކަމަށެވެ. ހަގީގަތަކީ، އުރުދުންއިން ނަތަންޔާހޫގެ ބޯޓް އުރުދުންގެ ވައިގެ ސަރަހައްދަށް ވަނުމަށް ހުއްދަ ނުދިނުމެވެ.

ބުނެވޭ ގޮތުގައި ނަތަންޔާހޫގެ ޔޫއޭއީގެ ދަތުރަކީ ވަރަށް ސުންޕައި ދަތުރެކެވެ. މީގެ ކުރިންވެސް ދަތުރަށް ފުރުއްވުމަށް ނިންމެވުމަށްފަހު އެކި ސަބަބުތަކާ ހެދި އޭނާއަށް ދަތުރު ކެންސަލްކުރައްވަން މަޖުބޫރުވެ ވަޑައިގެންފައި ވެއެވެ.

އުރުދުން އިން ނަތަންޔާހޫގެ ބޯޓަށް ވައިގެ ސަރަހައްދަށް ވަނުމަށް ހުއްދަ ދީފައި ނުވަނީ، އުރުދުންގެ ވަލީ ޢަހުދު، ޤުދުސްއަށް ކުރެއްވުމަށް ހަމަޖެއްސެވި ދަތުރުފުޅަށް އިޒްރޭލުން ހުއްދަ ނިދިނުމުން ބަދަލު ހިފުމުގެ ގޮތުންނެވެ.

އުރުދުންއާ އިޒްރޭލުގެ ގުޅުން ވަޅޯވެފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އުރުދުންގެ ހާޝިމީ ވަންހައިގެ ޝާހީ ޢާއިލާއަކީ، ޒަމާނުއްސުރެން ޤުދުސްގެ މުޤައްދަސްތަންތަނާއި މަސްޖިދުލްއަޤްސާ ބަލަހައްޓަމުން އައިސްފައިވާ ފަރާތެވެ. މިފަހަކަށް އައިސް އިޒްރޭލުން މަސައްކަތް ކުރަމުން ދަނީ އުރުދުންއަށް މި ހައިސިއްޔަތު ނުދިނުމަށެވެ.

ނަތަންޔާހޫގެ ދަތުރުފުޅާ ގުޅިގެން ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި އޭނާ ވިދާޅުވީ އިޒްރޭލާ ގުޅުން ގާއިމް ކޮށްފައި ނެތް އަރަބި ގައުމަކަށް އޭނާ ދަތުރުތަކެއް ކުރެއްވި ކަމަށެވެ. މިކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ. ރިޕޯޓްތައް ބުނާ ގޮތުން، މިފަހަކަށް އައިސް އިޒްރޭލާ ގުޅުން އުފެއްދި އަރަބި ގައުމުތަކަށް ނަތަންޔާހޫ ވަނީ ގުޅުން ގާއިމް ކުރުމުގެ ކުރިން ސިއްރު ދަތުރުތަކެއް ކުރައްވާފައެވެ.