އަބަހައްދަ ޖޯއަށް ފަހު، އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ރައީސް އައުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހޭ ވިސްނުމަކުން ވިސްނާމެ މީހަކު އެމެރިކާ މީހުންނަށް ލިބުނީ ކަމަށް ބެލެވުނެވެ. އެކަމަކު މިއަދާ ހަމައަށް ޓްރަމްޕް އަދި މުޅިންވެސް ސާބިތު ކޮށްދެނީ އޭނާއަކީ ކަންކަމުގެ ނަތީޖާއަށް ނުބަލާ ޒާތުގެ އަމިއްލަ އެދުމުން ފޯވެފައިވާ ޖޯކަރެއް ކަމަށެވެ.
ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީގައި މިއަދު ޓްރަމްޕް ޖޯކަރަކަށް ވެފައި ވަނީ ޣައްޒާއިން ނަސްލު ސާފުކޮށްލުމަށްފަހު، މެދުއިރުމަތީގެ ރިވޭރާއަށް ޣައްޒާ ބަދަލުކޮށްލާނެ ކަމަށް އޭނާ ދައްކާފައިވާ ވާހަކަތަކުންނެވެ!
ޔަހޫދުންގެ ތާކިހާ ވަޒީރު ވަނީ ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް ޓްރަމްޕް ގެންގުޅޭ ޔަހޫދީ ވިސްނުމަކީ ބަރާބަރު ވިސްނުމެއް ކަމަށް ބުނެ އެކަމަށް ސަޕޯޓު ކޮށްފައެވެ. ތާކިހާ ވަޒީރު ބެންގްވީރު ބުނެފައި ވަނީ ޓްރަމްޕަކީ ޒަޔަނިސްޓުންގެ ހަގީގީ ފްރެންޑެއް ކަމަށެވެ. ޒަޔަނިސްޓުންގެ އިދިކޮޅު ޕާޓީގެ ބެނީ ގޭންޓްސް ވެސް ބުނެފައި ވަނީ ޓްރަމްޕަކީ ޒަޔަނިސްޓު ޔަހޫދުންގެ ބަރާބަރު ފްރެންޑެއް ކަމަށެވެ.
ޔަހޫދުންގެ އުހާ ފާޅުކުރުމާއެކު ސައޫދީން ވަނީ އެގައުމުން މިމައްސަލާގައި ދެކޭ ގޮތް ސާފުކޮށްދީފައެވެ.
ސައޫދީ ޚާރިޖިއްޔާއިން ނެރުނު ބަޔާންގައި ބުނެފައި ވަނީ ފަލަސްޠީނު މީހުންގެ ހައްގަށް އަރައި ގަތުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަލަސްޠީނުގެ ބިން ހިފުމާއި ގަދަ ބާރު އެމީހުން ވަޒަނުން ބޭރުކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަލަސްޠީނުގެ ދައުލަތެއް ގާއިމު ކުރުމަށް ސާބިތު ކަންމަތީގައި ތިބީމު ކަމަށެވެ.
ސައޫދީން މި ބާޔާން ނެރެފައިވާ އިރު ޣައްޒާއިން ނަސްލު ސާފުކޮށްލައި ރިވޭރާއަށް އެތަން ބަދަލުކޮށްލުމަށް އެމެރިކާގެ ރިއާސީ ކެމްޕޭންގައި ޚިޔާލު ފާޅު ކުރި މީހަކީ ޓްރަމްޕްގެ ދަނބި ކޮއެވެ. ޔަހޫދީ ޖަރޑް ކުޝްނަރ އަކީ ސައޫދީ ޝާހި އާއިލާގެ ސޮވްރިން ފަންޑް ބަލަހައްޓައި ދޭ މީހާއެވެ. އަދި އޭނާ ވަނީ ސައޫދީ ފައިސާއިން 2 ބިލިއަން ޑޮލަރު އިޒްރޭލުގެ އެންމެ ބޮޑު އިންޝޫރެންސް ކުންފުނީގައި އިންވެސްޓްކޮށްފައެވެ. އެކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ ކުޝްނާއާއެކު ސައޫދީންނެވެ. މިނޫހުގައި އެވާހަކަ ތަފްސީލުކޮށް ގެނަސްދީފައި ވާނެއެވެ.
އިސްލާމީ ހަމާސްއިން 6 އޮކްޓޫބަރުގައި އަޤްޞާ ޠޫފާންގެ ޙަމަލަ ފެށީ ދުނިޔޭގެ އެންމެ ބޮޑު ކޮންސެންޓްރޭޝަން ކޭމްޕް، ޣައްޒާގައި ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތަކަށް އަރަބިން ކަނު ލޮލެއް ދީ، އޯކޭ ކޮށް، ޒަޔަނިސްޓު އަރަބިން އިޒްރޭލާ ގުޅުން ބަދަހިކޮށް ދީލާލުމުންނެވެ. އެކުވެރި އަބަރިންގެ އިމާރާތަކީ ޒަޔަނިސްޓުންނަށް ވާގިވެރިވުމުގައި އަދިވެސް ދެމިއޮތް އަދި ވައިގެ މަގުން އެންމެ ގިނަ ދަތުރުތައް ބާއްވައިދޭ ގައުމެވެ.
ދުވާލެއްގެ މައްޗަށް ޔޫއޭއީން އިޒްރޭލަށް ބާއްވަނީ ކިތައް ދަތުރުތޯ ހޯދައި ބަލާށެވެ!