އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު އެމެރިކާގެ ރައީސް ޓްރަމްޕްގެ ސިޔާސަތަށް އީރާނުގެ ސަރުކާރުން ފާޑުކިޔައިފިއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާކްޗީ ވިދާޅުވަނީ އެމެރިކާގެ ފިއްތުން އިންތިހާއަށް އިތުރު ކުރިކަމުގައިވިއަސް މިހާތަނަށް އެސިޔާސަތު ވަނީ ނާކާމިޔާބުވެފައި ކަމަށާއި، އަދި އިތުރަށް އެ ސިޔާސަތު ގައި ކުރިއަށް ދިއުމަކީ އިތުރު ނާކާމިޔާބީއަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
އަރާކްޗީ ވިދާޅުވި ގޮތުގައި އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބޭނެ ގޮތް ހެދުމަކީ ވާނެ ކަމެއް ނޫން ކަމށެވެ. އެކަމަކު އީރާނަކީ ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން މުއާހަދާގެ މެންބަރެއް ކަމަށާއި، އީރާނުގެ ލީޑަރޝިޕުން ނިއުކްލިއަރ ހަތިޔާރު ހޯދުމާ ދެކޮޅަށް ފަތުވާއެއް ނެރެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވެސް ވަނީ ޓްރަމްޕްގެ ބަޔާންތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ޚާރިޖީ ސިޔާސަތާއި ބައިނަލްއަގްވާމީ މައްސަލަތައް ބިނާވެފައިވަނީ އަމިއްލަ އިއްޒަތާއި ކަރާމާތާއި ޙިކުމަތާއި މަސްލަހަތުގެ މައްޗަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވީއެންމެ ގަދައަކަށް އެމެރިކާއިން ފިއްތުމަށް ބާރުއަޅައި ރިއާސީ އަމުރެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވެފައިވަނީ އެހިސާބަށް ދާކަށް ނުޖެހޭނެ ކަމަށް ބަލާނެ ކަމަށާއި އީރާނާއެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.