ދުނިޔޭގެ ފުޓްބޯޅައިގެ ތާރިހުގައިވެސް އޭނާއަކީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި އޭނާއާ ގާތްކުރާ ވަރުގެ މޮޅު މީހަކުވެސް ނެތް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

40 ވަނަ އުފަންދުވަސް އިއްޔެ ފާހަގަ ކުރި ރޮނާލްޑޯ ބުނީ ބަޔަކު ދައްކާހާ ވާހަކައެއް އަޑުނާހާނެ ކަމަށާއި، ބޮލުން ޖަހަން ބެލިޔަސް، ވާތު ފައި، ކަނާތު ފައި އަދި މައްޗަށް ފުންމުމުގެ ރޮނގުން ބެލިނަމަވެސް އޭނާއާ ވަރުން އެޅިގެންވާ ހަމަ އެންމެ ކުޅުުންތެރިޔަކުވެސް ނެތް ކަމަށެވެ.

"އަހަންނަކީ ފުޓްބޯޅައިގެ ތާރިހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ. ބޮލުން އަހަރެން މޮޅަށް ކުޅެން. މޮޅަށް ފްރީކިކް ޖަހަން، އަހަރެން ހަލުވި، އަހަރެން ވަރުގަދަ، އަހަންނަށް ފުންމޭ، އަހަންނަކަށް ނުފެނޭ އަހެރެންހާ ވަރުގަދަ މޮޅު އެހެން ކުޅުންތެރިޔަކު" ސްޕެއިނުގެ ޓީވީ ޗެނަލެއް ކަމަށްވާ "ލަ ސެކްސްޓާ" އަށް ދިން ބަސްދީގަތުމެއްގައި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް އޭނާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ވަކާލާތުކޮށް ވާހަކަ ދައްކާފައެވެ. އެކަމަކު ވަރލްޑް ކަޕް ހިސްޓްރީއަށް ބަލާއިރު ރޮނާލްޑޯއަށް އަދި ޕޯޗުގަލް ގޮވައިގެން ވަރލްޑް ކަޕް ފައިނަލަކަށް ދެވިފައެއް ނުވެއެވެ.