ޗައިނާ އާއި ހޮންކޮންގުން އަންނަ ބައިނަލްއަގްވާމީ ޕާރުސަލްތައް ވަގުތީ ގޮތުން ސަސްޕެންޑް ކުރާން ކަމަށް އެމެރިކާގެ ޕޯސްޓް ސާވިސް އިން ނިންމައިފިއެވެ. އެމެރިކާ ޕޯސްޓުން އެގޮތަށް އެކަން ނިންމީ ޗައިނާއިން ޑިއުޓީ ފްރީކޮށް އަގު ހެޔޮ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ މަގު ބަންދު ކުރުމަށް ޓްރަމްޕް މި ހަފްތާގައި ނިންމުމުންނެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ އަންގާރަ ދުވަހުން ފެށިގެން ޗައިނާގެ މުދަލުން އިތުރު 10 ޕަސެންޓްގެ ޓެރިފެއް ނެގުމަށް ނިންމާފައެވެ. ކުރިން އޮންނަ ގޮތުން އިމްޕޯޓަރުންނާއި އެމެރިކާގެ ޝޮޕަރުންނަށް 800 ޑޮލަރަށް ވުރެ ކުޑަ ޕެކޭޖުތަކަށް ޓެރިފް ދައްކާކަށް ނުޖެހެއެވެ.
އެމެރިކާ ޕޯސްޓުން ބުނީ މި ބަދަލުގެ ސަބަބުން ޗައިނާ އާއި ހޮންކޮންގުން ސިޓީ ބިޓީ ލިބުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. މިއީ ޗައިނާ އާއި އެހެން ގައުމުތަކުން އަންނަ އަގުހެޔޮ ޝިޕްމަންޓްތައް ނިމުމަކަށް ގެނައުމަށް ޓްރަމްޕް ގެނައި ބަދަލެއް ކަމަށް ބުންޏެވެ.
މިއާއެކު ކުޅޭ އެއްޗެހިން ފެށިގެން ސްމާޓްފޯނާއި ހަމައަށް އުފެއްދުންތައް ވިއްކާ ފަސްޓް ފެޝަން ރީޓެއިލާ ޝެއިން އާއި އޮންލައިން އަގުހެޔޮ ފިހާރަ ޓެމޫ ގެ ވިޔަފާރިވެސް އެމެރިކާގައި ހަނިކުރެވިގެންދާނެއެވެ.
ޗައިނާއާ ބެހޭ އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީން ޖޫން 2023 ގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މި ދެ ކުންފުނިން އެމެރިކާއަށް އެތެރެވާ ޕެކޭޖުތަކުގެ 30 ޕަސެންޓް ހިއްސާ ކުރާ ކަމަށެވެ.