ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ކަރަންޓީނު ނުވެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށް ރަށަށް ދެވޭ އުސޫލު އެޗްޕީއޭ އިން މިރޭ ބާތިލްކޮށްފި އެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ރޭ ނެރުނު ގައިޑްލައިންގައިވާ ގޮތުން ކަރަންޓީނު ނުވެ ރަށްރަށް ކެމްޕެއިނަށް ދިޔުމުގެ ހުއްދަ ދެވޭނީ 72 ގަޑިއިރުގެ ކުރިން ހަދާފައިވާ ކޮވިޑްގެ ޕީސީއާރް ނެގަޓިވް ޓެސްޓެއް ހުށަހެޅުމުން ކަމަށް އެ ގައިޑްލައިންގައިވެ އެވެ. އެފަދަ ދަތުރުތައް ކުރުމަށް ހުއްދަ ދެނީ ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.

އެފަދަ ދަތުރުތަކުގައި ބައިވެރިކުރެވޭނީ ކެންޑިޑޭޓު ކަނޑައަޅާ ފަސް މީހުންނަށް ވުރެ އިތުރުނުވާ އަދަދެއްގެ މީހުން ކަމަށް އެ ގައިޑްލައިންގައިވެ އެވެ.

ފަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކެމްޕެއިން ދަތުރެއް ކުރަން ބޭނުންނަމަ، އެފަދަ ދަތުރެއް ކުރެވޭނީ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާގޮތަށް ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ.

އެޗްޕީއޭއިން ދީފައިވާ ދަތުރުކުރުމުގެ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަންޖެހޭ ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ.

ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ކެމްޕެއިން ދަތުރެއްގައި ބައިވެރިނުކުރެވޭނެ ކަމަށް ގައިޑްލައިންގައި ވެ އެވެ.

ގައިޑްލައިންގައި ވާގޮތުން ކެންޕެއިނަށް ރަށްރަށް ގޮސް ތިބެންޖެހެނީ ވަކިންނެވެ. ދޮރުން ދޮރަށް ކެމްޕެއިން ކުރުމަކީ ގައިޑްލައިނުގައި މަނާކޮށްފައިވާ ކަމެކެވެ.

އަދި އެ ރަށެއްގައި ބައްދަލުވުންތައް ބޭއްވުމަށް ކަނޑައަޅާފައިވާ ތަން ނޫން އެހެން ތަނަކަށް ގޮސްގެންނުވާނެ ކަމަށް ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.

ރަށްރަށް ދާ ކެމްޕެއިން ޓީމްތަކާ އެރަށުގެ ރައްޔިތުން ބައްދަލުކުރުމަކީ ވެސް ގައިޑްލައިންގެ ދަށުން މަނާ ކަމެކެވެ.

ރަށްރަށް ގޮސް ބާއްވާ ބައްދަލުވުންތަކުގައި ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަންޖެހޭ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.