ޕާކިސްތާނުން ޓެރަރިޒަމާއި މަނީ ލޯންޑަރިންގއާ ދެކޮޅަށް އަޅަން ޖެހޭ ގާނޫނުތައް ފާސްކޮށްފއި ނުވާތީ ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އަޅައި، ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް(އެފްއޭޓީއެފް)ގެ ގްރޭ ލިސްޓްގައި ވަނީ ހިމަނާފައެވެ. ޕާލަމެންޓްގެ މަތިގެ، ސެނެޓްގައި ވާހަކަފުޅު ދައްކަވަމުން، ޖަނަވަރީ މަހު، ޚާރިޖީ ވަޒިރު ޝާހް މަހްމޫދު ޤުރެއިޝީ ވިދާޅުވީ، ދެން އަންނަ ބައްދަލުވުމެއްގައި ޕާކިސްތާން ގްރޭ ލިސްޓުން ނަގާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. ޕާކިސްތާން ގްރޭ ލިސްޓަށް ލާފައި ވަނީ 2018ވަނަ އަހަރުން ފެށިގެންނެވެ.

22ން 25 ފެބްރުއަރީއަށް ބާއްވާފައިވާ އެފްއޭޓީއެފްގެ ބައްދަލުވުމުގައި ޕާކިސްތާނުން އަޅާފައިވާ ފިޔަވަޅުތައް ޓާސްކް ފޯސްއިން ދިރާސާ ކުރިއެވެ. އަދި ނިންމާފައި ވަނީ ޖޫން މަހުގައި އޮންނަ ބައްދަލުމުވުގައި ރިވިއު ކުރަންދެން ޕާކިސްތާން އަދިވެސް ގްރޭ ލިސްޓްގައި ބާއްވަން ޖެހޭނެ ކަމަށެވެ.

ގްރޭ ލިސްޓްގައި ހިމަނާފައިވާ ގައުމުތަކަކީ، އެ ގައުމުތަކުގައި ޓެރަރިޒަމަށް ހޭދަ ކުރުމާއި މާނީ ލޯންޑާ ކުރުން ފަދަ އަމަލުތައް ހިނގާކަމަށް ބެލެވޭ، އަދި އެކަންކަން ހައްލުކުރުމަށް މުއައްސަސާތަކާއި ގާނޫނީ އޮނިގަނެއް ނޯންނަ ނުވަތަ ދޯހަޅި ކަމަށް ބެލެވޭ ގައުމުތަކެވެ.

ލަޝްކަރޭ ތޮއްތިބާގެ ބައެއް ލީޑަރުން ޖަލަށްލައި އެމީހުންނަށް މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރާ ކަމުގެ ކުށް ސާބިތުވެގެން ޕާކިސްތާންގައި ޖަލު ޙުކުމް އިއްވާފައި ވެއެވެ. ނަމަވެސް ހަދަން ޖެހޭ ގާނޫނުތައް ހެދުމުގައި ލަސްތަކެއް އުޅޭކަން ފާހަގަ ކުރެވެއެވެ.

"ޓެރަރިޒަމަށް ފައިސާ ހޭދަ ކުރުން ހުއްޓުވުމަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އުނިކަމެއް އުޅޭކަން ފާހަގަ ކުރެވޭ. ޕާކިސްތާނުން އެޅުމަށް ހުށަހަޅާފައިވާ 27 ފިޔަވަޅު އަދިވެސް އަޅާފައި ނުވާތީ ޕާކިސްތާން ގްރޭ ލިސްޓްގައި ބާއްވަން ފެނޭ" އެފްއޭޓީއެފްގެ ރައީސް މާރކަސް ޕްލެޔަރ އިޢްލާން ކުރެއްވިއެވެ.

އެފްއޭޓީއެފްއކިން ޖޫން 2021 ގައި އޮންނަ ބައްދަލުވުމުގައި ޕާކިސްތާނުން އަޅާފައިޥާ ފިޔަވަޅު ތަކާއި ހޯދާފައިވާ ކުރި ހޯދުން ވަޒަން ކުރަން ބޭނުންވަނީ ތިން ކަމެއްގެ އަލީގައެވެ. އެއީ، ޓެރަރިޒަމަށް ހޭދަކުރާ ފަރާތްތައް ހޯދައި ގަނެ އެމީހުންގެ ތަހްގީގު ހިންގައި އެމީހުންނާ ދެކޮޅަށް ޝަރީއަތް ހިންގާކަން ކަށަވަރު ކުރުމާއި، ޝަރިޢަތުން އެމީހުންނަށް ހައްގު އަދަބު ދޭކަމާއި، ޕާކިސްތާންގައި ލިސްޓް ކުރެވިފައިވާ ސާދަ ސަތޭކައެއްހާ ޓެރަރިސްޓުންނާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެފްއޭޓީއެފްއިން ބުނެފައިވަނީ މުއްދަތުތަކެއް ދެވި، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް ޕާކިސްތާނުން މި ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ.

ޕާކިސްތާނަށް ދިމާވެފައިވާ މައްސަލައަކީ، ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިޥާ ފަރާތްތަކަކީ، ޕާކިސްތާންގެ އަޑީ ދައުލަތުން އެމީހުންނަކީ ސްޓްރެޓިކް އެސެތްތަކެއްގެ ގޮތުގައި ބޭނުން ކުރާ މައްސަލައެވެ. އަދި ޖުޑީޝަރީން ޓެރަރިސްޓުން ބަންދުކޯށްފައި ބޭތިއްބުމުގައި ފަހަތުފަޔަށް ބުރަވާ މައްސަލައެވެ. (ނޫސްވެރިއާ ޑެނިއެލް ޕާރލް މަރާލި ޓެރަރިސްޓުންނާ ދެކޮޅަށް ޖުޑީޝަރީން ކަން ކޮށްފައިވާ ގޮތުން މިކަން ހާމަވެގެން ދެއެވެ. އަދި މަލާލާ ޔޫސުފް ޒާއީ މަރާލަން އުޅުނު މީހާ ސިފައިންގެ ބަންދުގައި ހުއްޓައި އޭނާ ފިލައިގެން ތުރުކީއަށް ދިއުމަށް ފަހިކޮށްދިނުންވެސް މީގައި ފާހަގަ ކުރެވެއެވެ.) މީގެ އިތުރުން ތަކުރާރުކޮށް ޓެރަރިޒަމްގެ ރޮނގުން ކިޔާލެވޭ ނަން ތަކަކީ އިންޑިއާއާއި އަފްޣާނިސްތާނުން ޓެރަރިސްޓް ހަމަލާތަކުގައި އެމީހުންގެ ނަންތައް ފާހަގަ ކޮށްފައިވާ މީސްމީހުންނެވެ.

ޕާކިސްތާނުން ޓެރަރިޒަމާއި މަނީލޯންޑަރިންގެ ދާއިރާއިން ފިޔަވަޅުތައް އެޅުމަށް މަޖުބޫރު ކުރެވިފައިވަނީ އިއްޔެ މިއަދަކު އެއް ނޫނެވެ. 2008 ގައިވެސް ޕާކިސްތާން ގްރޭ ލިސްޓަށް ލެވުނެވެ. ނަމަވެސް ފަހުން ވަނީ އެ ލިސްޓުން އުނިކޮށްފައެވެ. އެއަށްފަހު، އަނެއްކާވެސް 2012 ވަނަ އަހަރު ގްރޭ ލިސްޓަށް ލެވުނެވެ. 2015 ގައި މަނީ ލޯންޑަރިންގ އާ ދެކޮޅަށް ގާނޫނު ފާސްކުރުމުން، ލިސްޓުން އުނިކުރެވުނެވެ. ތިން ވަނަފަހަރަށް ލިސްޓަށް ލާފައި ވަނީ މަނީ ލޯންޑަރިންގއާއި ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި 2018 ގައެވެ. އަދިވެސް އޮތީ ހަމަ އެގޮތުގައެވެ.

ގްރޭ ލިސްޓަށް ލުމުގެ ސަބަބުން ރައްތިޔުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. ޕާކިސްތާންގެ ބޭންކުތަކާއި މާލީ އިދާރާތައް މިއިން ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައެވެ. ގައުމުގެ އިމްޕޯޓަށާއި ބޭރުން ވަންނަ ފައިސާއަށް ހުރަސްތައް ކުރިމަތި ވެއެވެ. އަދި ބޭރުގެ މާލީ އިދާރާތަކާއެކު ކުރާ މުއާމަލާތާ މެދުވެސް ސުއާލު އުފައްދައެވެ. މި ކަންކަމުން ޕާކިސްތާނަށް ކުރިމަތިވާ އިގްތިސާދީ ނުރައްކަލުގެ އިންޒާރު ދެއްވާފައިވަނީވެސް ޚާރިޖީ ވަޒީރު ޤުރެއިޝީއެވެ. އޭނާ، 2019 ގައި ވިދާޅުވެފައި ވަނީ ގްރޭ ލިސްޓްގައި ޕާކިސްތާން އޮވެއްޖެނަމަ، 10 ބިލިއަން ޑޮލަރުގެ ގެއްލުން އިގްތިސާދަށް ކުރާނެ ކަމަށެވެ.

ޓެކްސަސްގެ ޔުނިވަސިޓީ އޮފް ސެންއެންޓޯނިއޯއިން ކޮށްފައިވާ ދިރާސާއެއްގައި ބުނަނީ، 2018އާއި 2019އާ ދެމެދު، ޕާކިސްތާނަށް ލިބިފައިވާ މާލީ ގެއްލުން 38 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.