ބޭރު ގައުމުތަކުގައި އޮސްޓްރޭލިއާއިން ހިންގާ ޖަލުތައް ބަންދުކުރުމަށް، އޮސްޓްރޭލިއާއަށް ޗައިނާއިން ގޮވާލައިފިއެވެ. އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަމުން ޗައިނާއިން ބުނެފައި ވަނީ މިތަންތަނަކީ މީހުން ބައިތިއްބަން ހެޔޮވާވަރުގެ ތަންތަނެއް ނޫން ކަމަށާއި އަދި މިތަންތާގައި އެދެވޭ ބޭސްފަރުވާ ލިބެން ނުހުންނަ ކަމަށެވެ. އެހެންވެ، ޗައިނާއިން އޮސްޓްރޭލިއާއަށް ނަސޭހަތް ތެރިވެފައި ވަނީ މިތަންތަން ބަންދު ކުރުމަށެވެ.
އޮސްޓްރޭލިއާއާއި ޗައިނާއާ ދެމެދު ވަޅޯވެފައިވާ ގުޅުމަކީ، ވޫހާނުން އުފެދުނު ކޮރޯނާ ވައިރަސް ތަހުގީގު ކުރުމަށާއި، އޮސްޓްރޭލިއާގެ މުވާސަލާތީ ވިއުގައިގައި ޗައިނާގެ ވާވޭއަށް ފުރުސަތު ނުދިނުމުން ދެ ގައުމުގެ ދެމެދު އުފެދުނު ސިޔާސީ ދެބަސްވުން ވިޔަފާރި ކޯޅުމަށް ބަދަލު ވުމުގެ ނަތީޖާއެކެވެ.
އޮސްޓްރޭލިއާއިން ވަނީ ޝިންޖިއާންގައި މުސްލިމުންގެ ނަސްލު، ޗައިނާއިން ނެތިކޮށްލާކަމަށް ތުހުމަތުކޮށް ވާހަކަތަކެއް ދައްކާފައެވެ. އަދި އޮސްޓްރޭލިއާގެ މުއައްސަސާތަކުން ވަނީ ސެޓެލައިޓް ފޮޓޯއާއެކު ދިރާސާ ރިޕޯޓްތައްވެސް ޝާއިއުކޮށްފައެވެ.
ޗައިނާއިން، އޮސްޓްރޭލިއާއިން ހިންގާ ޖަލުތައް ހިންގަނީ ކޮންކޮން ގައުމެއްގައި ކަން ބުނެފައެއް ނުވެއެވެ. ނަމަވެސް އޮސްޓްރޭލިއާއަށް ގަވާއިދާ ޚިލާފަށް ވަންނަން މަސައްކަތް ކުރާ ފަރާތްތައް ކަނޑުމަތިން ހިފައިގެން ގެންގޮސް، އޮސްޓްރޭލިއާއިން ޕަޕުއާ ނިއުގިނީއާއި ނާއުރޫގައި ހަދާފައިވާ ކޭމްޕްތަކުގައި މުއްދަތެއް ނެތް ގޮތަށް ބައިތިއްބައެވެ.
މީގެ އިތުރުން ޗައިނާއިން ވަނީ އޮސްޓްރޭލިއާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ ޖަރީމާތައްވެސް އިންސާފުވެރިކޮށް ޝާމިލު ގޮތަކަށް ތަހުގީގު ކުރުމަށް ގޮވާލާފައެވެ.
އޮސްޓްރޭލިއާއިން ކުރި ތަހުގީގަކުން ސާބިތުވެފައި ވަނީ އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސްއިން އަފްޣާނިސްތާންގައި 2005ން 2016އަށް ގައިދީންނާއި މަދަނީންގެ ކުށެއް ނެތް 39 މީހުން މަރާލާފައިވާ ކަމަށެވެ.