ރެއާލް މެޑްރިޑުން އުޅެނީ ސްޕެނިޝް ފުރަތަމަ ޑިވިޜަން ނުވަތަ ލަލީގާ ހަލާކުކޮށްލަން ކަމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ހާވިޔާ ޓެބަސް ވިދާޅުވެއްޖެއެވެ.
ޓެބަސްގެ ރުޅިގަނޑު ފަޅައިގެންދިޔައީ ލަލީގާއި އެންމެފަހުން ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ވާދަވެރި ބާސެލޯނާ އެސްޕަނިޔޯލް އަތުން 1-0 އިން ބަލިވުމުން، ރެއާލްގެ ވެރިން ރެފްރީއިން ބަދުނާމުކޮށް ސިޓީއެއް އެފްއޭއަށް ފޮނުވުމާ ގުޅިގެންނެވެ.
ޓެބަސް ވިދާޅުވީ ރެއާލްމެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުން ވަނީ އޭނާ އާއި ރެއާލްމެޑްރިޑުގެ ކައިރީގައި އެހެން އެންމެން ކުޑަކަކޫ ޖަހަން ކަމަށެވެ. "ރެއާލްއިން ލަލީގާއަށް ގެއްލުންތަކެއް ދީފި. އެމީހުން (ރެއާލްއިން) އެތިބީ އެސްޕަނިޔޯލް އަތުން ބަލިވި ހިސާބުން ބުއްދި ފިލާ ގޮސްފައި. ރެފްރީންގެ އަގު ވައްޓާލުމަށް ރެއާލްއިން ކުރާ މަސައްކަތް ބަަލައެއް ނުގަންނާނަން. ރެއާލްއިން ފޮނުވި ސިޓީގެ މައްސަލަ ބަލާނަން. ފުޓްބޯޅަ އެނބުރެން ޖެހެނީ ރެއާލްމެޑްރިޑުގެ ވަށައިގެން ކަމަށް އެކްލަބުން ދެކޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް" ވަރަށް ބޮޑަށް ރެއާލް މެޑްރިޑުގެ ރައީސް އާއި އެކްލަބުގެ ބޯޑު މެމްބަރުން ދެކެ ހިތްހަމަނުޖެހުން ފާޅުކުރައްވައި ޓެބަސް ވިދާޅުވިއެވެ.
ޓެބަސް ވިދާޅުވީ ބާސެލޯނާއިން ރެފްރީއިންނަށް ރިޝްވަތު ދިން ކަމަށް ހަދައި "ޑްރާމާ" ކުޅުނީ ރެއާލުން ކަމަށެވެ. މިމައްސަލައިގެ ތަހްގީގަށް މިހާތަނަށް އެއްވެސް ހެއްކެތް ހޯދިފައި ނުވާކަމަށް ޓެބަސް ވިދާޅުވިއެވެ.
ރެއާލް އާއި ސްޕެނިޝް އެފްއޭއާ ދެމެދު ހިތްހަމަނުޖެހުންތައް އުފެދިފައިވާ މިދަނޑިވަޅުގައި، މެޑްރިޑް ޑާބީގައި މާދަމާ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައި އެތުލެޓިކޯ މެޑްރިޑާ ބައްދަލު ކުރާނެއެވެ.