މަނީލޯންޑާ ކުރުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު، ޖަލުން ގެއަށް ބަދަލު ކުރުމަށް އިންޑިއާގެ އެހީއަށް އެދެނީ ކަމަށްބުނެ، ރާއްޖެ އެމްވީން ލިޔެ ފަތުރަމުން ގެންދަނީ ދޮގު ހަބަރުތަކެއް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލީޝަނުން ބުނެފިއެވެ.

އެ ކޯލީޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެ އެމްވީން އެ ހަބަރުތަކުގައި ލިޔެފައިވާ ވާހަކަތަކަކީ، އެެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އެއީ އެއްވެސް މިންވަރަކަށް ކަމުގެ ހަގީގަތް ހޯދުމެއްނެތި، ރައީސް ޔާމީނާއި އިދިކޮޅު ކޯލީޝަންގެ އަގު ވައްޓާލައި، ސިޔާސީ ފައިދާއެއް ނެގުމަށް ލިޔެފައިވާ ހަގީގަތާއި ހިލާފް އެދޮގުހަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެއެވެ.

"އެ ހަބަރުގައި ބުނާފަދަ ކޮންފަރެންސް ބައްދަލުވުމެއް މި ކޯލީޝަންގެ ލީޑާޝިޕުން ބާއްވާފައި ނުވާއިރު ރައީސް ޔާމީން މިނިވަން ކުރުމާމެދު އިންޑިއާގެ އެމްބަސީއަަށް މަޝްވަރާކުރުމަށް ދިއުމާމެދު ކޯލީޝަންގެ ލީޑާޝިޕްގެ ތެރޭގައި އެއްވެސް ގޮތަކުން މަޝްވަރާ ކުރެވިފައެއް ނުވޭ." އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީން މިއަވަގުތު ޖަލުގައި ހައްޔަރު ކޮށްފައި ވަނީ ހައްގު ނޫން ސިޔާސީ ދައުވާއަކުން ކޮށްފައިވާ ހުކުމަކުން ކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ އަދި އެމަނިކުފާނަކީ، މި ވަތަނުގެ ދިފާއުގައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ވަރަށްގައުމީ ބޭފުޅެއް ކަމަށްވެސް ބުނެފައިވެއެވެ.

"އެހެންކަމުން އެމަނިކުފާނުގެ އަމިއްލަފުޅު މުހުތާދެއް ފުއްދެވުމަށް ގައުމަށް ޣައްދާރުވެ ވަޑައެއްނުގަންނަވާނެ، އެ މަނިކުފާނުގެ މޮޓޯައަކީ އެންމެ ފުރަތަމަ ގައުމު،" ޕީޕީއެމުން ބުނެފައިވެއެވެ.

އެހެންކަމުން ސަރުކާރުން ދިވެހި ރައްޔިތުންނަށް ޣައްދާރުވެ، ނާޖާއިޒް ގޮތުގައި މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް ޔާމީނާއި ކޯލީޝަންގެ އަގުވައްޓައިލުމަށް ސަރުކާރާއި ގުޅިގެން ރާއްޖެ އެމްވީން ކުރަމުން ގެންދާ ސިޔާސީ މަސައްކަތް ވަގުތުން ހުއުްޓާލުމަށް ގޮވާލާ ކަމަށާއި، އަދި ނޫސްވެރިކަމުގެ ހުދޫދުގެ ތެރެއިން ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.