މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ގާތްގަނޑަކަށް 25 މީޓަރާއި 70 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭމަހެކެވެ.
މިފުންނަ އެންމެ ބޮޑުވަނީ 6 ސެންޓިމީޓަރަށެވެ. މިއީ ފުން ގޮންޑޮޅިތަކުގައި އަމިއްލަ ޖަގަހައެއް ހަދައިގެން ފިލާއުޅޭ މަހެކެވެ. މި ފުންނަ ޢާންމުކޮށް ކައިއުޅޭނީ ކަނޑުގައި އުޅޭ ފަނިފަކުސައެވެ. ދިރޭ ކުދިމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ދިދަފުންނަ ހިފުމަށް ޝައުގުވެރިކަންދެއެވެ. އަދި މިއީ ރާއްޖޭގައި އުޅޭ ފުންނައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ފަރި، ރީތި މަސްވެސްމެއެވެ. މަހުގެ ސިފައަށާއި އެންމެ އަޅައިގަންނަ ކުލަވަރަށް ވިސްނާ "ފަރި ދިދަފުންނަ" ކިޔާފައިވަނީއެވެ.
މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއިއެކު 27 އާއި 32 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ މަތީ ކޮތަރީގެ ފުރަތަމަ ކަށި މައްޗަށް ދިދައެއްގެ ގޮތަށް ވަރަށް އުސްކޮށް ހިއްލިފައި ހުރެއެވެ. މަހުގެ ބޯކޮޅުގެ ކުލައަކީ ހުދުކުލައެވެ. މިކުލަ މަހުގެ ފަހަތަށް ގަދަވެ، ގަދަ ވައިލެޓް ކުލައަކަށް ނިގޫކޮޅު ހުރެއެވެ. މަހުގެ ތުނބާއި ލޯމަތީގައި ގަދަ ވައިލެޓްކުލައެއް ފާޅުކޮށް ހުރެއެވެ. އަދި ތުންކޮޅު ހުންނަނީ ފަނޑު ދަނބުކުލައެއްގައެވެ. މަހުގެ ކޮތަރިތަކުގައި ރަތް ދިހުން ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003