އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2025" ގެ ހަރަކާތްތައް ނިންމާލައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 'އޭރިއާ އޮފް އޮޕަރޭޝަންސް' އަށް ނިސްބަތްވާ ރަށްތަކުގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، ފެބުރުވަރީ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން ހުވަދު އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ 9 ސެޝަނުގައި 745 މީހުން ބައިވެރިވިއެވެ. އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގައި ކުރިއަށް ގެންދިޔަ 7 ސެޝަނުގައި 706 މީހުން ބައިވެރިވި އިރު، އައްޑޫ ސިޓީގެ އަވަށްތަކުގައި ކުރިއަށް ގެންދިޔަ 5 ސެޝަނުގައި 481 މީހުން ބައިވެރިވިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ރަށްތަކުގައި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.

އެ ހަރަކާތް ހިންގުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ގާއިމުކުރެވިފައިވާ ފަޔަރ ސްޓޭޝަންތަކުގެ ފަޔަރ ފައިޓަރުންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެފައިވެއެވެ.