ކުރިއަށް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އާއްމުކުުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މި ގަޑިތައް އިއުލާނުކުރައްވާފައިވަނީ ސަރުކާރުގެ ގެޒެޓްގައި އާއްމުކުރެއްވި އިއުލާނެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީން އެ އިލާނުގައި އިތުރަށް ވިދާޅުވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށެވެ.ވއަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހުގެ ރޭތަކުގައި ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3 އަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށްވެސް އިއުލާނުގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުންވެސް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އަމަލުކުރަންޖެހޭނީ މި އުސޫލާއި އެއްގޮތަށްކަމަށެވެ.