އިންސާނީ މަދަނިއްޔަތުގެ މައިގަނޑު ބިންގަލަކީ ދަނޑުވެރިކަމެވެ. މިއީ ކާނާއާއި، ދިރިއުޅުމާއި، އިގްތިސާދީ ހަރުދަނާކަން ފޯރުކޮށްދޭ ދާއިރާއެކެވެ. ނަމަވެސް، ގަރުނުތަކެއް ވަންދެން، މި މުހިންމު ދާއިރާގައި އަންހެނުންގެ ހިއްސާ އަގުކުޑަކޮށް، އަދި މުޖުތަމަޢުގެ އާދަކާދައިގެ ސަބަބުން ވަނީ ހަނިކުރެވިފައިވެއެވެ. މިއަދު، ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމާއި، އާބާދީ އިތުރުވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރެވެމުންދަނީ އައު ކަންތައްތަކާއި، ދެމެހެއްޓެނިވި ގޮތްތަކާއި، ކެރިފޯރުންތެރިކަމުގެ މުހިންމު ބާރެއްގެ ގޮތުގައެވެ. އެމީހުންގެ ގިނަގުނަ ހިއްސާއާއެކުވެސް، އަންހެން ދަނޑުވެރިންނާއި ވިޔަފާރިވެރިން ވަނީ ފިރިހެނުން އާންމުކޮށް އިސްކޮށް ތިބޭ މި ސިނާއަތުގައި ގިނަ ހުރަސްތަކާ ކުރިމަތިލާންޖެހިފައެވެ.
ދަނޑުވެރިކަމުގައި އަންހެނުންގެ ހިއްސާ
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ފާހަގަކުރާ ގޮތުގައި، އަންހެނުންނަކީ ދަނޑުވެރިކަމުގެ ދާއިރާގައި އަބަދުވެސް އަގުހުރި ދައުރެއް އަދާކުރާ ބައެކެވެ. ގަސް އިންދުމުން ފެށިގެން، ޖަނަވާރު ގެންގުޅުމާއި ކާބޯތަކެތި އުފެއްދުމާ ހަމައަށް، ދަނޑުވެރިކަމުގެ ހުރިހާ މަރުޙަލާއެއްގައިވެސް އަންހެނުންގެ ހަރަކާތްތެރި ބައިވެރިވުން ފެންނަން އޮވެއެވެ. މީގެ އިތުރުން، އަންހެނުންނަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާ ބައެކެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާއި ޞިއްޙަތަށް ފައިދާހުރި ކެއުމުގެ އާދަތައް ކުރިއެރުވުމުގައި އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. އާއިލާއާއި މުޖުތަމަޢުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން އަދާކުރާ ދައުރު މުހިންމެވެ. މިގޮތުން، ގޮވާން ހެއްދުމާއި، ގޭގެ ދަނޑުބިންތައް ބެލެހެއްޓުމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ތައްޔާރުކުރުމުގައި އަންހެނުންގެ ޙިއްޞާ ފާހަގަކޮށްލެވެއެވެ. އައު އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ތަޢާރަފުކޮށް ގެންގުޅުމުގައި އަންހެނުންނަކީ އިސް ސަފުގައި ތިބޭ ބައެކެވެ. އޯގަނިކް ދަނޑުވެރިކަމުން ފެށިގެން އެގްރޯފޮރެސްޓްރީއާ ހަމައަށް، އަންހެން ދަނޑުވެރިން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމުގައި އިސްނަގައި މަސައްކަތްކުރެއެވެ. ވިޔަފާރިވެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ ރޮނގުންވެސް އަންހެނުންގެ ދައުރު ފުޅާވަމުންދެއެވެ. އަންހެނުން އިތުރަށް ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ގޮތުގައި ކުރިއަރަމުންދެއެވެ. އާ އުފެއްދުންތައް ތަޢާރަފުކޮށް، ބާޒާރުތަކަށް ނުކުމެ، ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކުރަމުންދެއެވެ. ކާނާ އުފެއްދުމުން ފެށިގެން ޓެކްނޮލޮޖީއަށް ބަރޯސާވާ ދަނޑުވެރިކަމުގެ ޙައްލުތަކާ ހަމައަށް، އަންހެނުން ރަށްފުށުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރަމުންދެއެވެ.
ދަނޑުވެރިކަމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް
އެމީހުންގެ މުހިންމު ޙިއްސާއާއެކުވެސް، ދަނޑުވެރިކަމުގައި އަންހެނުންނަށް ދިމާވަނީ އެމީހުންގެ ޤާބިލުކަން މަޙްދޫދުކުރާ ނިޒާމީ ހުރަސްތަކެކެވެ. މި ގޮންޖެހުންތައް އަށަގެންފައިވަނީ ޖިންސީ ތަފާތުކުރުމާއި، ސަގާފީ އާދަކާދައިގެ ތެރޭގައާއި، މުއައްސަސާތަކުގެ ތަޢައްސުބުތަކުގެ ތެރޭގައެވެ.
އަންހެނުންގެ އަގުހުރި ދައުރު ފާހަގަކުރެވުނު ނަމަވެސް، ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވަނީ އެމީހުންގެ ޤާބިލުކަން ހަނިކުރާ ނިޒާމީ ހުރަސްތަކެކެވެ. މި ގޮންޖެހުންތަކުގެ މައިގަނޑު މަސްދަރުތަކަކީ ޖިންސީ ތަފާތުކުރުމާއި، ސަގާފީ އާދަކާދައާއި، އަދި މުއައްސަސާތަކުގެ ތަޢައްސުބުތަކެވެ.1. ވަސީލަތްތަކަށް ވާސިލުވުމުގެ މަޙްދޫދުކަން: އަންހެނުންނަށް ބިމާއި، މާލީ އެހީތެރިކަމާއި، އަދި ދަނޑުވެރިކަމަށް ބޭނުންވާ އާލާތްތަކާއި ތަކެއްޗަށް ވާސިލުވުމުގެ ފުރުސަތު ވަރަށް މަދެވެ. މި ވަސީލަތްތަކަށް ވާސިލުވުމުގެ ދަތިކަމުގެ ސަބަބުން، އެމީހުންގެ ދަނޑުވެރިކަމުގެ ހަރަކާތްތައް ފުޅާކޮށް ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.2. ޖިންސީ ތަޢައްސުބާއި ސަގާފީ ހުރަސްތައް: ގިނަ މުޖުތަމަޢުތަކުގައި ދަނޑުވެރިކަމަކީ ފިރިހެނުންގެ މަސައްކަތެއްގެ ގޮތުގައި ދެކެއެވެ. މީގެ ސަބަބުން އަންހެނުންގެ ދައުރު ގިނަފަހަރު ހަނިވެފައިވަނީ އުޖޫރައެއް ނުލިބޭ މަސައްކަތްތަކަށް ނުވަތަ ދިރިއުޅުމަށްޓަކައި ކުރާ ކުދި ދަނޑުވެރިކަމަށެވެ. އަދި މި ސަގާފީ ހުރަސްތަކުގެ ސަބަބުން އަންހެނުންނަށް ނިންމުންތައް ނިންމުމުގައި ބައިވެރިވުމާއި، ތަޢުލީމު ހޯދުމާއި، އަދި މި ދާއިރާގައި ލީޑަރޝިޕް މަޤާމުތަކުގައި ހަރަކާތްތެރިވުމަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ.
3. ތަޢުލީމާއި ތަމްރީނަށް ވާސިލުވުމުގެ މަދުކަން: އަންހެން ދަނޑުވެރިންނަށް ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކާއި، އަދި ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލުވުމުގެ ފުރުސަތު ވަރަށް މަދެވެ. މި މަޢުލޫމާތުގެ ފަރަގުގެ ސަބަބުން ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ބޭނުންކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހޭނުމަށް ދަތިތަކާ ކުރިމަތިވެއެވެ.
4. ލީޑަރޝިޕްގައި ހަމަހަމަ ތަމްސީލު ނުކުރެވުން: ލޯކަލް ކޯޕަރޭޓިވްތަކުން ފެށިގެން ޤައުމީ ސިޔާސަތު އެކުލަވާލާ މަޖިލިސްތަކާ ހަމައަށް ދަނޑުވެރިކަމުގެ ލީޑަރޝިޕް މަޤާމުތަކުގައި އަންހެނުންގެ ތަމްސީލުކުރުން އެކަށީގެންވާ މިންވަރަށްވުރެ ދަށެވެ. މިފަދަ ތަމްސީލުކުރުން މަދުވުމުގެ ސަބަބުން، އެ ފަރާތްތަކުގެ ދިރިއުޅުމާއި ޢާމްދަނީއަށް ސީދާ އަސަރުކުރާ ނިންމުންތައް ނިންމުމުގައި އަންހެނުންގެ އަޑު އިވޭ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.
5. މަސައްކަތުގެ ބުރަކަމާއި ވަގުތުގެ މަދުކަން: ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަންހެނުން ގިނަ ފަހަރަށް ޖެހެނީ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި، ގޭތެރޭގެ ޒިންމާތަކާއި، އަޅާލުން ބޭނުންވާ ފަރާތްތައް ބެލެހެއްޓުން ފަދަ ގިނަގުނަ މަސްއޫލިއްޔަތުތަކެއް އެކުގައި އަދާކުރަންނެވެ. މި "ވަގުތުގެ ދަތިކަމުގެ" ސަބަބުން އެ ފަރާތްތަކަށް ތަޢުލީމާއި، ތަމްރީނާއި، އަދި ވިޔަފާރީގެ ހަރަކާތްތަކަށް އަމާޒުކުރާނެ ފުރުޞަތުތައް ވަރަށް ބޮޑަށް މަދުވެގެންދެއެވެ.
ހުރަސްތައް ނައްތާލައި ބަދަލުތައް ގެނައުން
ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ބާރުވެރިކަން ހޯދައިދިނުމަކީ ހަމައެކަނި ޖެންޑަރ ހަމަހަމަކަމުގެ މައްސަލައެއް ނޫނެވެ. މިއީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، އިޤްތިޞާދީ ތަރައްޤީއަށާއި، އަދި ތިމާވެށި ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ދަނޑުވެރިކަމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި އަޅަންޖެހޭ މުހިންމު ބައެއް ފިޔަވަޅުތައް ތިރީގައި މިވަނީއެވެ:
1. ބިމުގެ ޙައްޤުތަކާއި މިލްކުވެރިކަން ކުރިއެރުވުން: އަންހެނުންނަށް ބިމުގެ މިލްކުވެރިކަމާއި ވާރުތަވެރިކަމުގައި ހަމަހަމަ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙުތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ޛަރީޢާއިން، އަންހެނުންނަށް އެ ފަރާތްތަކުގެ ބިމުގެ ޙައްޤުތައް ހޯދައި، ދަނޑުވެރިކަމުގެ ވަސީލަތްތަކުގެ މައްޗަށް އިތުރު ބާރުވެރިކަން ލިބިގަތުމަށް މަގުފަހިވާނެ އެވެ.
2. މާލީ އަދި އެހެނިހެން ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތު އިތުރުކުރުން: އަންހެނުންނަށް ފަސޭހައިން ލޯނު ލިބޭނެ މަގު ތަނަވަސްކޮށް، ބޭނުންވާ އާލާތްތަކާއި ޓެކްނޮލޮޖީއަށް ވާސިލުވުމުގެ ފުރުސަތު ދިނުމަކީ އެމީހުންގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މައިކްރޯފައިނޭންސް ޕްރޮގްރާމްތަކާއި، އަންހެނުންނަށް ޚާއްސަކުރެވިފައިވާ ކޯޕަރޭޓިވްތަކާއި، ސަރުކާރުގެ އެކި އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް މިކަމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ.
3. ތަޢުލީމާއި ތަމްރީނު ދިނުމަށް އިސްކަންދިނުން: އަންހެން ދަނޑުވެރިންގެ ޚާއްސަ ބޭނުންތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމަކީ އެމީހުންނަށް އައު ޓެކްނޮލޮޖީތަކާއި ގޮތްތައް ދަސްކޮށްދީ، އުފެއްދުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
4. ޒަމާނީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކުރުން: މޮބައިލް އެޕްލިކޭޝަންތަކުގެ ޒަރީއާއިން މޫސުމާބެހޭ މަޢުލޫމާތާއި، މާކެޓް އަގުތަކާއި، މާލީ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ވަގުތުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އަންހެން ދަނޑުވެރިންނަށް އެމީހުންގެ މަސައްކަތުގައި ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމެކެވެ.
5. އަންހެނުންގެ ލީޑަރޝިޕް ހަރުދަނާކުރުން: ދަނޑުވެރިކަމުގެ ކޯޕަރޭޓިވްތަކާއި، ސިޔާސަތު އެކުލަވާލުމުގެ މަރުޙަލާތަކާއި، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ދަނޑުވެރިކަމުގެ ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އަންހެނުންގެ ޚިޔާލާއި ވިސްނުން ހިމެނޭކަން ކަށަވަރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
6. ވަގުތުގެ ދަތިކަން ޙައްލުކުރުން: ޒަމާނީ ޓެކްނޮލޮޖީތަކާއި، ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތްތަކާއި، ސާފު ފެނާއި ހަކަތައިގެ ވަސީލަތްތައް ފޯރުކޮށްދިނުމުން، އަންހެނުންނަށް އުޖޫރައެއް ނުލިބޭ މަސައްކަތްތަކުގެ ބުރަ ލުއިވެ، އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.
ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރަކީ ހަމައެކަނި ހަމަހަމަކަމުގެ މައްސަލައެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ ފުރިހަމަ ޤާބިލުކަން ހާމަކުރުމުގެ ފުރުޞަތެކެވެ. އަންހެން ދަނޑުވެރިންނާއި ވިޔަފާރިވެރިންގެ ކުރިމަތީގައިވާ ހުރަސްތައް ނައްތާލައި، އެމީހުން ބާރުވެރިކުރުވުމަކީ އައު އީޖާދުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމުގެ މަގެކެވެ.
ދަނޑުވެރިކަމުގައި އަންހެނުންގެ ޙިއްޞާ ފާހަގަކުރާއިރު، އެމީހުންގެ މަސައްކަތާއި، ލީޑަރޝިޕް އަދި އީޖާދީ ޚިޔާލުތަށް އަގުކުރެވި، އެކުލެވިގެންވާ އަދި ހަމަހަމަ ދަނޑުވެރިކަމުގެ ނިޒާމެއް އުފެއްދުމަށް އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންޖެހެއެވެ.