މުރަނގަ ގަހަކީ އެގަހުގެ ގިނަ ބައިތަކުގެ އިންސާނުންގެ ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުން ކުރުމުން ގެންދާ ގަހެކެވެ. ގަހުގެ ފަތްތައް، މޫގަނޑު، މައު އަދި ތޮޅިއަކީ އެކި ގޮތްގޮތަށް ތައްޔާރުކޮށްގެން ކެއުމުގެ ތެރޭގައި ބޭނުން ކުރުމުން ގެންދާ ބައިތަކެކެވެ.

މުރަނގަ ގަހުގެ އެކި ބައިތަކުން ލިއްބައިދޭ ނިއުޓްރިޝަންގެ ތަފާތު ބާވަތްތަކުގެ ސަބަބުން މަލްނިއުޓރިޝަން މައްސަލަތަކުން ސަލާމަތްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުރަނގަ ގަހުގެ ބައިތައް ކެއިން ބުއިމުގައި ގިނަ އަދަދަކަށް ބޭނުންކޮށް އުޅެއެވެ.މީގެ އިތުރުން ދަނޑުވެރިން ދަނޑުތަކުގެ ވަށައިގެން ވައި ވައި ނިވަލެއްގެ ގޮތުގައިވެސް މުރަނގަ ގަސް ހައްދާއުޅެއެވެ.

މުޑުވައްކުރުން

މުރަނގަ ގަސް ދެގޮތަކަށް މުޑުވައްކޮށް އުޅެއެވެ. އެންމެ އާންމުކޮށް މުޑުވައްކޮށް އުޅެނީ މުރަނގަ ތޮޅިން އޮށް ނަގައިގެންނެވެ. ބައެއް ފަހަރު މުރަނގަ މޫގަނޑުން ފަޅާފައި ހުންނަ ކުދި ނިރު ނަގައިގެންނާއި ގޮފި ރޯކޮއްގެން މުޑުވަކުގެ ގޮތުގައި ބޭނުން ކުރެއެވެ. މުޑުވައްކުރުމަށް ތޮޅި ހޯދާއިރު ގަހުގައި އިނދެގެން ފުރިހަމަވެ ހިކިފައިވާ ތޮޅިއަކުން އޮށް ނެގުން މުހިންމެވެ. އަދި ނަގާ ތޮޅިއަކީ ބަލިޖެހުން ދުރު، ރަނގަޅަށް ހެދިފައިވާ ތޮޅިއަކަށް ވުމަކީވެސް އެހާމެ މުހިންމުކަމެކެވެ.

އޮށް އިންދުމަށްޓަކައި އަނގަމަތީގައި ގާތްގަނޑަކަށް 8 އިންޗި ހުންނަ ވަރުގެ ކޮތަޅު ނުވަތަ ހަންބުރިއެއްފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ. ކޮތަޅަށް އެޅުމަށް ތައްޔާރުކުރާ ވެލިގަނޑު ތައްޔާރު ކުރުމަށްޓަކައި ރީތި ކަޅުފަސްކޮޅެއް ހޯދުމަށްފަހު ކޮންމެ 3 ވެއްޔަކަށް 1 ކާދުގެ ރޭޝިއޯއިން އެއްކުރުމަށްފަހު ރަނގަޅަށް ފަސްގަނޑު ތެމެވަރަށް ފެންޖަހާލާށެވެ. ތައްޔާރު ކުރި ފަސްކޮޅު ކޮތަޅަށް ނުވަތަ ހަނބުރިއަށް އެޅުމުގެ ކުރިން ފެންހަރުލިޔަ ނުދިނުމަށްޓަކައި ކޮތަޅުގެ ނުވަތަ ހަނބުރީގެ ތިރިން ލޯވަޅު އަޅަންވާނެއެވެ.

ގަސްފަޅައިގެން ގާތްގަނޑަކަށް 1 ފޫޓަށް ހެދެންދެން ކޮތަޅުގައި ބެހެއްޓުމަށްފަހު ސީދާ އިންދަން ބޭނުންވާ ތަނުގެ ވަޅު ތައްޔާރު ކުރުމަށްފަހު ގަސް ރުވާނީއެވެ.

ބިންގަނޑު ތައްޔާރުކުރުން

މުރަނގަ ގަހަކީ ފަސްގަނޑު މުއްސަނދިނޫން ހިސާބުތަކުގައިވެސް ފަސޭހަ ކަމާއެކު ހެދޭ ގަހެކެވެ. މިގަހުގެ އަނެއް ޚާއްސަ ސިފައަކީ ގަހަށް ފެން ބޭނުންވާ މިންވަރު މަދުވުމެވެ. ހިމާލަޔާގެ ސަރަހައްދަށް ނިސްބަތްވާ ނިގަހަކީ ހަނަފަސް، ހޫނުގަދަ ސަރަޙައްދުތަކުގައިވެސް ރަނގަޅަށް ހެދޭ ގަހެއްކަން ވަނީ ފާހަގަކުރެވިފައެވެ. ގަސްހައްދަން ބޭނުންވާ ތަނަކީ ރަނގަޅަށް އަވި ލިބޭ ތަނެކަން ޔަޤީން ކުރުމަށްފަހު ގަސް ހެއްދުމަށް އެކަށީގެންވާ ޖާގަ ( ފަތްތައް ފެތުރުމަށް ބޭނުންވާ ޖާގައިގެ ގާތްގަނޑަކަށް 8 ފޫޓް 8 ފޫޓް ) ލިބޭނަމަ ގަސްއިންދުމަށް 1.5 ފޫޓް އަނގަ މަތީގައި އަދި 1.5 ފޫޓް ފުން މިނުގައި ހުންނަ ވަރުގެ ވަޅުގަނޑެއް ތައްޔާރުކުރުމަށްފަހު 3 ވެއްޔަށް 1 ކާދުގެ މަގުން ފަސްގަނޑު އެއްކޮށްލާށެވެ. އެއަށްފަހު ވަޅުގަނޑު ތެމެންދެން ފެންޖަހާލުމަށްފަހު ގަހުގެ މޫގަނޑަށް ގެއްލުން ނުލިބޭގޮތަށް ކޮތަޅުން ނެގުމަށްފަހު އެވެލިގަނޑާއެކު ވަޅުގަނޑުގައި ގަސް އިންދާށެވެ.

ޞިއްޙީ ފައިދާތައް

މުރަނގަ ފަތަކީ ވިޓަމިން A ، ވިޓަމިން B ، އަދި ވިޓަމިން Cގެ އިތުރުން ހަށިގަނޑަށް ފައިދާ ލިބޭ އެހެނިހެން މިނެރަލްސަތަކުގެ މުއްސަނދިކަން ލިބިފައިވާ ފަތެކެވެ. ސައިންޓިފިކް ރިޕޯތްތަކުގައި ޝާއިރުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުރަނގަ ފަތުގައި އޮރެނަޖުން ލިބޭ މިންވަރަށްވުރެ 7 ގުނަ އިތުރަށް ވިޓަމިން އަދި ގެރީގެ ކިރުން ލިބިދޭ މިންވަރަށްވުރެ 7 ގުނަ އިތުރަށް ކެލްސިއަމް ލިއްބައިދޭ ކަމަށްވެއެވެ.

މުރަނގަފަތަކީ މާބަނޑު އަންހެނުން، ޅަދަރިމައިން އަދި ކުޑަކުދިންގެ ކެއިންބުއިމުގެ ތެރޭގައި ގިނަ އަދަދަކަށް ބޭނުން ކުރުމަށް ސިއްޙީ ފަރާތްތަކުން ވަރަށް ބޮޑަށް އިރުޝާދު ދެއަވާ ބާވަތެއްވެސްމެއެވެ.

މުރަނގަތޮޅީގެ އޮށަކީ ތާޒާކަންމަތީ ރޮލަށް ހުއްޓާ އަދި އެކި ގޮތްގޮތަށް ކައްކައިގެންވެސް ބޭނުންކުރެވޭ ތަރުކާރީގެ ބާވަތެވެ. ޟިގެ އިތުރުން ތެޔޮ އުފެއްދުމަށްވެސް މުރަނގަ އޮށް ބޭނުންކޮށްއުޅެއެވެ. ތެޔޮނެގުމަށްފަހު ބާކީ ކުރާ އޮށުގެ ބައިތަކުން ކޭކް ހެދުމަށްފަހު ބުއިމަށްބޭނުން ކުރާ ފެން ސާފުކުރުމަށް ފެންއެއްޗަށް ބެނުންކޮށް އުޅެއެވެ.

ބަލި އަދި ކޮންޓަރޯލް

މުރަނގަ ގަހަކީ ރާއްޖޭގެ މާޙައުލުގައި މާގިނަ ބަލިތަކެއްނުޖެހި ވަރަށް ފަސޭހަ ކަމާއެކު ހެއްދޭ ބާވަތެއްކަން ފާހަގަކުރެވެ.ބައެއ ރަށްރަށުގައި މުރަނގަ ގަހުގައި މައު އަޅާ ދުވަސްވަރު ކޮންމެވެސް ވަރަކަށް ކޮވެލީގެ އުނދަގޫ ކުރިމަތިވެއެވެ. ވިޔަފާރީގެ އުޞޫލުން މުރަނގަ ހައްދާ ފަރާތްތަކަށް ކޮވެލީގެ ސަބަބުން އުނދަގޫ ކުރިމަތިވާނަމަ މައު އަޅާ ދުވަސްވަރު ކިވެއްޔަށް ގަހާއި ކައިރި ނުވެވޭނެހެން ދަލެއްފަދަ އެއްޗެއް އަޅާ ބައްދާލެވިދާނެއެވެ.

މުރްނގަ ގަސް ހައްދަމުންދާއިރު ރާއްޖޭގައި ދިމާވާ އަނެއް މައްސަކަޔަކީ ތޮޅި ތޮރުފައިގެން ގެންލުންދޭ މަޑި ( ޕޮޑް ބޯރާރ) ގެ މައްސަލައެވެ. މިމަޑި ތޮޅިއަށް ގެއްލުންދެނީ މަޑި އުފެދުމުގެ ކުރީ މަރުޙަލާތަކުގައެވެ. އެހެންކަމުން މިމަޑީގެ އަސަރު ފެންނަން ފެށުމާއެކު އަސަރުކޮށަފައިވާ ތޮޅިތައް ގަހުން ވަކިކޮށް މަޑީގެ ފަންޏާއެކު ނައްތާލަންވާނެއެވެ. މީގެ އިތުރުން މަޑި ހިފާ މަދުކުރުމަށްޓަކައި ގަސްކައިރީގައި ލައިތް ޓްރެޕެއް ބެހެއްޓިދާނެއެވެ.

ގަހަށް ބޭނުނަވާ ނިއުޓްރިޝަން ބާވަތްތައް ނަދުވުމުގެ ސަބަބުން ފަތްތަކުގެ ކުލަ ފަނޑުވުން ނުވަތަ ރީނދޫވުމާއި ގަހުން ފަތްފޭބުން އަދި ފަތްތައް ކުދިވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ. މިފަދަ ކަމެއް ދިމާވުން ގަހަށް ބައްޔެއް ޖެހުނުކަމަށް ދަނޑުވެރިންނަށް ޤަބޫލުކުރެވޭ ފަހަރު އާދެއެވެ.

މުރަނގަ ގަހަކީ އޭގެ ޒާތުގައި އެހާގިނަ މިންވަރަކަށް ކާނާ ބޭނުނަވާ ގަހެއްނޫނެވެ. އެހެންނަމަވެސް ގަސްބުޑަށް ކޮންމެވެސް ވަރަކަށް ކަޅުފަސްކޮޅެއް ނުވަތަ ކާދާއި އެއްކޮއްފައިވާ ފަސްކޮޅެއް މަހަކު އެއފަހަރު ކަހަލަ ގޮތަކަށް އަޅާލުން ބުއްދިވެރިއެވެ.