މި އަހަރުގެ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވިކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ 1446ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

މިގޮތުން ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރައްވަން ފެއްޓެވުމަކީ މިކަމުގައި އެޅުއްވުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ދެއްވާފައެވެ.