ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ލުބްނާނުގެ އައު ބޮޑުވަޒީރު، އަދި ކައުންސިލް އޮފް މިނިސްޓަރސްގެ ރައީސް، ހިޒް އެކްސެލަންސީ ނަވާފް ސަލާމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ލުބްނާނުގެ އައު ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ މަނިކުފާނުގެ ޒަޢާމަތުގައި ލުބުނާނަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.

އަދި އިސްލާމީ އަސްލުތަކާއި ދެގައުމުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ދެގައުމުގެ ގާތް އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސްގެ މެސެޖުގައި ދެއްވާފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ބޮޑުވަޒީރުގެ ހިންގުންތެރިކަމާއި ހިކުމަތްތެރިކަމުގެ ދަށުން، އެ މަނިކުފާނުގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި ލުބުނާނުގެ ރައްޔިތުންނަށް ސުލްޙައާއި ފާގަތިކަން ހޯއްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.