އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ބިލިއަނަރު ޖޯޖް ސޮރޮސްއާ ގުޅުން ހުރި ޖަމިއްޔާތަކަށް 260 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. މި ފައިސާ ދީފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝް ހިމެނޭ ގޮތަށް އެތައް ގައުމެއްގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
މި ތުހުމަތުތައް ކޮށްފައި ވަނީ، އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުން ހުރި މީސްމީޑިއާ އެކައުންޓަކުންނެވެ. މި ތުހުމަތުތަކުން ދޭހަވަނީ ސޮރޮސް ޔޫއެސްއެއިޑްގެ ފައިސާ ބޭނުންކޮށްގެން ބަނގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ، ޔޫކްރޭން، އީރާން ފަދަ ގައުމުތަކަށް ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތް ކުރި ކަމަށެވެ.
އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ސޯރޯސް އަކީ އިދިކޮޅު ޖަމާއަތްތަކަށް ތާއީދުކޮށް ގައުމީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ޓެކް ބިލިއަނަރު އެލޮން މާސްކް ވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތްތަކާ ގުޅިގެން ޔޫއެސްއެއިޑްގެ ދައުރާ މެދު ސުވާލު އުފައްދާފައެވެ.
މި މައްސަލަ ހާމަވެފައިވަނީ ދުނިޔޭގެ ސިޔާސީ ހަރަކާތްތަކުގައި ޔޫއެސްއެއިޑް ބައިވެރިވުމާ ގުޅިގެން ޔޫއެސްއެއިޑްގެ ބަޖެޓް ފްރީޒް ކޯށްފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅޭގޮތުން ރޓްރަމްޕް ރައީސް އަދި ވަކި ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައަކީ މި ސަރަހައްދުގެ ސިޔާސީ މަސްރަހަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ދެކެއެވެ.
ޔޫއެސްއެއިޑުން މި މައްސަލައާ ގުޅޭގޮތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ކަމަށް އެމެރިކާގެ ސަރުކާރުގެ އިސް ފަރާތްތަކުން ބުނެފައިވެއެވެ.