ރާޖާޕަކްސަ އާއިލާއިން ވެރިކަން ކުރާ ސްރީލަންކާއިން ބުރުގާ އެޅުން މަނާކޮށް، އިސްލާމް ދީން ކިޔަވައިދޭ އެތައް ހާސް މަދަރުސާއެއް ބަންދު ކުރާނެ ކަމަށް ސްރީލަންކާ ވަޒީރަކު ހާމަ ކުރައްވައި ފިއެވެ. މިއީ އޮޅުދޫ ކަރައިގައި މުސްލިމުންނަށް އައު ސަރުކާރުން މިފަހަކަށް އައިސް ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ އެންމެ ފަހު ސިލްސިލާއެވެ.

ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރަތު ވީރަސޭކަރަ ވަނީ، ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބުނެ، މޫނު ބުރުގާ މަނާކުރުމަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅުއްވާފައެވެ.

" ކުރީ ޒަމާނުގައި މުސްލިމު އަންހެނުން ބުރުގާ އަޅާ ތަނެއް އަހަރަމެން ނުދެކެން. މިއީ މިފަހަކަށް އައިސް އުފެދިގެން އުޅޭ ހައްދުފަހައަޅާފައި ދިއުމުގެ އަމަލެއް. ޔަގީނުންވެސް އަހަރަމެން އެކަން މަނާކުރާނަން" ވީރަސޭކަރައާ ޙަވާލާ ދީ ސިރީލަންކާ ނޫސްތަކުގައި ޝާއިއުކޮށްފައި ވެއެވެ.

ބުއްދާއަށް އަޅުކަން ކުރާ މީހުން ގިނަ ލަންކާގައި އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ވަގުތީ ގޮތަކަށް 2019ގައި ބުރުގާ މަނާ ކުރިއެވެ.

ސްރީލަންކާގެ މިހާރުގެ ވެރިންނަކީ އުތުރުގައި ހަނގުރާމަކުރި ތަމަޅައިންގެ ނަސްލު ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށް އިންސާނީ ހައްގުތަކާ ބެހޭ ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ބަޔެކެވެ. ސްރީލަންކާގެ ރައީސް ވެރިކަމަށް ވަޑައިގެން ވިދާޅުވެފައި ވަނީ ހައްދުފަހަނައަޅައި ދިއުމާ ކުރިމަތި ލައްވާނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ މުސްލިމުންގެ ފުށުން ފެންނަ ހަރުކަށި އަމަލުތަކަށެވެ. ހައްދުފަހަނައަޅާފައިވާ ބުޑިސްޓް ޓެރަރިސްޓުންނާއި ފާދިރީންތައް ވަނީ ތަމަޅައިން ބަލިކުރުމަށްފަހު ރޭވުމެއްގެ ތެރޭން މުސްލިމުންނާ ދިމާކުރުމަށް ސިލްސިލާ މަސައްކަތްތަކެއް ފަށާފައެވެ.

ވީރަސޭކަރަ ވިދާޅުވިގޮތުގައި ގައުމީ ތަޢްލީމީ ސިޔާސަތެއް އެކުލަވާލުމަށްފަހު، ދީނީ މަދަރުސާތަކާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފަށާނެއެވެ. "ބޭނުން މީހަކަށް އިސްކޫލެއް ހުޅުވައިގެން ކުދިންނަށް ބޭނުން އެއްޗެއް ކިޔަވައެއް ނުދެވޭނެ" އޭނާ ވިދާޅުވިއެވެ.

އދއާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ސްރީލަންކާ ކުށްވެރި ކުރި އަމަލެއްގައި އެގައުމުން ވަނީ ކޮވިޑްގައި މަރުވާ މުސްލިމުންގެ ގަބުރު އަންދާލުމަށް ދިމާކޮށްފައެވެ.

ސްރީލަންކާގެ ވެރިން ތަމަޅައިންނާމެދު ހިންގި ލާއިންސާނީ އަމަލުތަކުގެ ފައިލް އަދިވެސް އޮތީ އދގެ ހިއުމަންރައިތްސް ކައުންސިލްއާއި އެހެން ދާއިރާތަކުގައި ހުޅުވިފައެވެ.