ސަރުކާރުގެ މަަސް ކުންފުނި، މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވެން ފެށުމާއެކު ޒުވާނުން މަޑުމަޑުން އަނެއްްކާވެސް ދޯނިތަކަށް އަރަން ފަށައިފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީ ބޮޑު ހަބަރު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު މަސްވެރިން ބާނާ މަހަށް ސަރުކާރުން 48 ގަޑިއިރުތެރޭގައި ފައިސާ ދެވެން ފެށުމުން ކުރިން މި ދާއިރާ ދޫކޮށްދިޔަ އެތަކެއް ފަރާތެއް އަލުން މި ދާއިރާއަށް ނުކުންނަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންގެ އަދަދު ގިނަކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

"މިހާރު އެބަ ފެނޭ މަސްވެރި އާއިލާތަކުގެ ތެރޭގައި އެނބުރޭ ފައިސާ، ނުވަތަ އިކޮނޮމީ ތެރޭގައި މަސްވެރިކަމުން ކޮންޓްރިބިއުޓްކުރާ ފައިސާ. މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭތަން ފެންނާތީ ﷲގެ އިރާދަފުޅުން އެއްކަލަ ދޯނިތައް އެބަ އަނެއްކާ ބެކް ޓު މަސް ކަނޑުތަކަށް ނުކުންނަން ފަށައިފި. ޒުވާނުން މަޑުމަޑުން އަނެއްްކާވެސް ދޯނިތަކަށް އަރަން ފަށައިފި" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމުން ލިބޭ އާމްދަނީ މަސްވެރި އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރި ސިނާއަތު އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށެވެ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.