ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިންގެ ހާލަތުގައި ބޭއްވުމަށްފަހު އައްޑޫ ސިޓީ އާންމު ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ފޮނުއްވި ލިޔުމުގައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅި ކަންކަން ބެލުމުން އެ ސިޓީގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިރެއިން ފެށިގެން މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިނުމަކަށް އައީ ކަމަށް ވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.

ހޯމް ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެގެން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 57 ކޭސް ފެނިފައިވެ އެވެ. މީގެއިތުރުން ހުޅުމީދުއިން ޖުމްލަ 35 ކޭސް ފެނިފައިވެ އެވެ.

އެންމެ ފުރަތަމަ އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވީ އެމްޓީސީސީން ހުޅުމީދޫގައި މަސައްކަތް ކުރަން ދިޔަ ބަންގްލަދޭޝްގެ މީހުންތަކެކެވެ. އޭގެފަހުން ހިތަދޫގެ ފްލޫ ކްލިނިކަކަށް ޑޮކްޓަރަށް ދައްކަންދިޔަ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ ހިސާބުން ވަނީ ހާލަތު އިތުރަށް ގޯސްވާތީ މުޅި އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.