ދެ ބޮންޑެޑް ވެއަރހައުސްއަކުން ޤަވައިދާ ހިލާފަށް ސިނގިރޭޓްތަކެއް ނެރުނު މައްސަލާގައި 67.9 މިލިޔަން ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

ދެ ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި މުދާ ޤަވާއިދާ ޚިލާފަށް ނެރުނު މައްސަލައިގަ ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވަނީ (EXOTIC ENTERPRISES BONDED WAREHOUSE) ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ ކެމަލް ޔެލޯ (Camel Yellow) ބްރޭންޑްގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް (American Legend) ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓަރ ރޯޔަލް (Manchester Royal Red) ބްރޭންޑްގެ 300 ކޭސް ސިނގިރޭޓް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ފާހަގަވާ ކަމަށެވެ.

މީގެ އިތުރުން، (SGM BONDED WAREHOUSE) ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ އެމެރިކަން ލެޖެންޑް (American Legend) ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލަސެސް (Afzal Molasses) ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙްގީގް ކުރަމުން އަންނައިރު މި ދެ ބޮންޑެޑްވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް (EXOTIC ENTERPRISES) ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47,182,011.86 ރުފިޔާ އާއި (SGM) ބޮންޑެޑްވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 20,720,412.54 ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ކަސްޓަމްސްއިން ފޮނުވާފައެވެ.

ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާޙު ގެނެސްފައެވެ.