އެއީ، މި މާޗްމަހުގެ 3 ވަނަ ދުވަހުއެވެ. މިޔަންމާގެ ކިޔަވާކުދިން ޓަމްވޭ އަވަށުގެ މަގުތަކަށް ނުކުތީ އަސްކަރީ ބަޣާވާތާ ދެކޮޅަށް އަޑުއުފުލުމަށެވެ.

އެތައްސަތޭކަ ކިޔަވާކުދިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ، ފުލުހުންގެ ބޮޑު ފައުޖެއް އޭތިމީތިން ހަމަލާދެމުން އައިސް ކިޔަވާކުދިން ތިބި ސަރަހައްދު ވަށައިގެން ބަންދުކޮށްލިތަނެވެ. ކިޔަވާކުދިން ވަށާލިތަނެވެ.

ފުލުހުން އެދުވަހުވަނީ، އެތަނުގައި ތިބި ހުރިހާ ކިޔަވާކުދިން ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އެއީ، ގާތްގަނޑަކަށް 400 ކިޔަވާކުދިންނެވެ.

މިއީ، މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު މިޔަންމާގެ އަސްކަރީން އެގައުމުގެ ރައްޔިތުން އިންތިޚާބު ކޮށްފައިއޮތް މަދަނީ ސަރުކާރު، ބަޣާވާތަކުން ވައްޓާލައި ވެރިކަމަށް އަތްގަދަ ކުރިފަހުން މިހާތަނަށް އެއް ދުވަހެއްގައި މިހާ ގިނަ ބަޔަކު ހައްޔަރުކުރި ދުވެހެވެ.

މިޔަންމާ ފުލުހުން ކިޔަވާކުދިން ހައްޔަރު ކޮށްގެން ގެންދިޔަތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެކުދިން ވީތަނެއް، އެއިން ކުއްޖެއްގެ އާއިލާ މީހަކަށްވެސް ނޭނގޭއިރު، އެކުދިންނަށް މިހާތަނަށްވެސް ގާނޫނީ ވަކީލަކާ ބައްދަލުކުރުމުގެ ފުރުސަތުވެސް އަސްކަރީން ދީފައެއް ނުވެއެވެ.

ކިޔަވާކުދިންގެ ގްރޫޕް ހައްޔަރުކުރިތާ ހަފްތާއެއް ވެގެންދިޔައިރު އެމީހުންގެ އެއްވެސް ހަބަރެއް ނުވެއެވެ. އެކުދިން ތިބި ހާލެއްވެސް އެކަކަށްވެސް ނޭނގެއެވެ.

ކިޔަވާކުދިން ހައްޔަރުކުރަން ފެށުމުގެ ކުރިން ފުލުހުން ކަރުނަގޭހާއި ރަބަރު ވަޒަނުން ފުރަތަމަ ހަމަލާދޭން ފެށުމުން، އެތައް ކިޔަވާކުދިންނަށް ބޮޑެތި އަނިޔާތައް ލިބުނު ކަމަށް މަންޒަރުދުށް މީހުން ބުނެފައި ވެއެވެ. ޒަޚަމްވި ކުދިންވެސް ފުލުހުންވަނީ، ކުށްވެރިންތަކެއް ފަދައިން، ސަފު ހައްދުވައިގެން ގެންގޮސްފައެވެ.

މިކަމާހެދި ކިޔަވާކުދިންގެ އާއިލާތަކުގެ އާއިލާތަކާއި، ރަހްމަތްތެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާޗްމަހުގެ 3 ވަނަ ދުވަސް ވެގެންދިޔައީވެސް، އަސްކަރީ ބަޣާވާތާ ދެކޮޅަށް މިޔަންމާގެ އާންމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފެށިފަހުން، ފުލުހުން ބަޑިޖަހައި އެންމެ ގިނަމީހުން މަރާލި ދުވަހަށެވެ. އެދުވަހު 38 އަށް މީހުން މަރުވި ކަމަށް އދއިން ބުނެފައި ވެއެވެ.

އަދި އެތައްހާސް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 518 ޒުވާން އަންހެން ކުދިންވެސް ހިމެނެއެވެ.

އަސްކަރީންނާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ގެންދާއިރު، އެކަމުގައި އެންމެ އިސްކޮށް ގިނައިން އުޅެނީ ޒުވާނުންނެވެ.

ހަމަ އެއާއެކު، މަދަނީ ބަސް ނޭހުމުގެ ވަރުގަދަ ހަރަކާތެއްވެސް ފެށިގެން ކުރިއަށް އެބަދެއެވެ. މިކަމުގައި ބައިވެރިވުމުގެގޮތުން، ސްކޫލްތަކާއި، ވިޔަފާރިތައްވެސް ވަނީ ބަންދުކޮށްފައެވެ.

އަސްކަރީ ވެރިކަމާ ދެކޮޅަށް މިޔަންމާގެ އާންމުން ދައްކަމުންގެންދާ ވަރުގަދަ ދެކޮޅުވެރިކަމާހެދި އަސްކަރީންވެސް މިހާރު ތިބީ ގޮތްހުސްވާ ހިސާބުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާ ކުރާ މީހުންގެ ގަޔަށް ބަޑިޖަހައި، މަރައި އަދި އެތައްބަޔަކު ހައްޔަރު ކުރަންފެށީވެސް މުޒާހަރާތައް ނުހުއްޓުވުމުން ބިރުދެއްކުމުގެ ގޮތުން ކަމަށް ވެއެވެ.