ބަނބުކޭލަކީ މޮރެސިލާ އާއިލާއަށްނިސްބަތްވާ ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތެކެވެ. ހިޔާލިބޭގޮތަށް ބިޔަކޮށް ހެދޭ މިގަހަކީ ލޮނުގެ އަސަރު ކުޑަ ސަރަހައްދުތަކުގައި ފަސޭހައިން ހެދޭގަހެކެވެ. ހަށިގަނޑަށްބޭނުނަވާ ނިއުޓްރިޝަންގެ އެކި ބާވަތްތަކުން މުއްސަނދިކަން ލިބިފައިވާ މިބާވަތް ހިމެނިފައިވާ ފަލަމަޑީގެ ތެރޭދައެވެ. ތަފާތު ގިނަ ގޮތްގޮތަށް ތައްޔާރުކޮށްގެން ބޭނުންކުރެވޭ މިބާވަތަކީ ޒަމާނުއްސުރެ ފެށިގެން ދިވެހިންގެ ތެރޭގައި އާއްމު ބާވަތެކެ. އަހަރަކު އެއްފަހަރު ވަކި މޫސުމެއެއްގައި މޭވާ އަޅާ މިގަހަކީ 50 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެގަހަކުން މޭވާ ލިބޭ ގަހެކެވެ.

މުޑުވައްކުރުން

ރާއްޖޭގައި ބޭނުންކުރާ ބަނބުކޭލުގެ ވެރައިޓީއަކީ އޭގައި އޮށް ހުންނަ ޒާތުގެ ބަނބުކޭލެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ މާޙައުލަށް އެންމެ އެކަށޭނަ ބަނބުކޭލުގެ ވެރައިޓީ މުޑުވައްކުރުމަށް އެންމެ އެކަށީގެންވާ ގޮތަކީ މައި ގަހުގެ މޫތަކުން ފަޅާ ސިއްޙަތު ރަނގަޅު ނިރު ނެގުމަށް ސަމާލުކަން ދޭންވާނެއެވެ. އިންދުމަށް ނަގާ ނިރަކީ އިންދަން ބޭނުންވާ ރަށުން ނަގާ ނިރު ކަމުގައިވާނަމަ އިތުރު އެއްޗެއްގައި މުޑުވައް ކުރުމުގެ ބަދަލުގައި ސީދާ ނިރު އިންދަން ބޭނުންވާ ބިމުގައި ވަޅުގަނޑު ތައްޔާރުކުރުމަށަފަހު ނިރު އިންދުން ރަނގަޅެވެ. މިގޮތަށް އިންދާއިރު ގަސް ރޯވަންދެން ގަހަށް ކޮންމެވެސް ވަރެއްގެ ހިޔަލެއް ދޭންވާނެއެވެ. މާބޮޑަށް ގަދަޔަށް ހެދިފައި ހުރި ނިރުގެ ބަދަލުގައި 3 ހަފުތާ 5 ހަފުތާއި ދެމެދުގެ އަދަދަކަށް ފަތް ހުންނަ ވަރުގެ ނިރު ނެގުމަށް ސަމާލުކަން ދޭންވާނެއެވެ.

އެހެން ރަށެއްގައި އިނަދުމަށް ނިރު ނަގާކަމުގައިވާނަމަ މޫގަނޑަށް އެކަށީގެންވާ ބޮޑުމިނެއްގެ ޕްލާސްޓިކް ކޮތަޅެއްގެ ނުވަތަ ފަސޭހައިން އުފުލާ ހެދޭ ބާވަތެއްގެ ހަންބުރިއެއްފަދަ އެއްޗެއްގައި ނިރު އިންދާށެވެ.

ބިންގަނޑު ތައްޔާރުކުރުން

ބަނބުކޭލަކީ މޫގަނޑު ވަރުގަދަކޮށް ހެދޭ ޒާތުގެ ގަހެކެވެ. ޤުދުރަތީ ނިޒާމަށް ބަލާއިރު މިގަހަކީ ގަހަށްބޭނުންވާ ފެނާއި ކާނާ ހޯދުމަށްޓަކައި ގަހުގެ މޫގަނޑު ދުރު ހިސާބުތަކަށް ފެތުރޭ ޒާތުގެ ގަހެކެވެ. ގިނަ އަދަދަކަށް ކެލްސިއަމް ބޭނުންވާ މިގަސް ހެއްދުމަށް އެންމެ އެކަށީގެންވަނީ ފަސްގނޑު މުއްސަނދިކޮށް ހުންނަ ހިސާބުތަކުގައެވެ. ނަމަވެސް ގިން ވަގުތު ފެން ނުހިނދި ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ބިންތަކުގައި ބަނބުކުޔޮ ހެއްދުމަށް އުނދަގޫވާނެއެވެ. ގަހަށް އެކަށިގެންވާ ވަރަށް ފެނާއި ކާނާ ލިބޭފަދަ ބިމެއްގައި ހައްދާފައިވާ ގަހެއްނަމަ މޫގަނޑުގެ ސަބަބުން ކުރިމަތިވާ ތަފާތު ގެއްލުންތައް ވަރަށް ކުޑަވާނެއެވެ.

ނިރު އިންދުމަށްޓަކައި ވަޅުގަނޑު ތައްޔާރުކުރާނީ ބޮޑުމިނުގެ 2x2 ފޫޓު ، ފުންމިނުގައި ގާތްގަނޑަކަށް ދޮޅުފޫޓު ހުންނަވަރުގެ ވަޅުގަނޑެކެވެ. ވަޅުގަނޑުގައި ނިރު އިންދުމުގެ ކުރިން ތިން ވެއްޔަށް އެއްކާދުގެ މިންގަނޑުން އެއްކުރުމަށްފަހު ފަސްގަނޑު ޖަހާލާފައި މަދުވެގެން 24 ގަޑިއިރު ބަހައްޓާލުން ރަނގަޅެވެ. ވަގުތު އޮތް ކަމުގައިވާނަމަ އަވަހަށް ފީވެ ހަލާކުވާ ޒާތުގެ ފަތްފަދަ ތަކެތި އަލާ ފަސްގަނޑާ އެއކޮއްލުމަށްފަހު ގާތްގަނޑަކަށް 02 ހަފްތާ ވަންދެން ބެހެއްޓުމަށްފަހު ނިރު އިންދުން ރަނގަޅެވެ.

ބަނބުކޭލަކީ ބިޔަކޮށް ހެދޭ ވަރަށް ހިޔާ ބޮޑު ގަހަކަށްވީނަމަވެސް ގަހުގެ މޫގަނޑުގެ ސަބަބުން ދިރިއުޅޭ ގެ ފަދަ އިމާރާތްތަކާއި ކައިރީގައި ހެއްދުމަށްއެހާ އެކަށީގެންވާ ގަހެއް ނޫނެވެ.

ޞިއްޙީ ފައިދާތައް

ބަނބުކޭލަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިން އަދަދަކަށް އެކުލެވިގެންވާ ފަލަމަޑީގެ ބާވަތެކެ. ކެއިންބުއިމުގެ ތެރޭގައި ގިނަ އަދަދަކަށް ބޭނުން ކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ފޯރާ ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތަކަށް ބަނބުކޭލުގައި ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑައެވެ.

އާއްމުކޮށް ކެއުމުގެ ތެރޭގައި ބޭނުނަކުރާ ހުދު ހަނޑުލާއި ކޮންމެވެސް ވަރަކަށް ދިވެހިންގެ ކެއިން ބުއިމުގެ ތެރޭގައިވެސް ބޭނުން ކުރެވޭ އަލުވީގައި ހިމެނޭ ނިއުޓްރިޝަންގެ މިންވަރު އަޅާކިއުމަށް ހަވާއީގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރ އިން ހެދި ދިރާސާ އަކަށް ފަހު އާއްމު ކުރި މައުލޫމާތުރަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ނިއުޓްރިޝަންގެ ހުރިހާ ބާވަތެއްވެސް ބަނބުކޭލުގައި އިތުރުކަން ވަނީ ސާބިތުވެފައެވެ.

ބަލި އަދި ކޮންޓްރޯލް

ރާއްޖޭގައި ހައްދާ އުޅޭ ބަނބުކޭލުގެ ވެރައިޓީއަކީ ރާއްޖޭގައި މާޙައުލަށް ވަރަށް އެކަށޭނަ ތަފާތު އެކި ކަހަލަ ބަލިތައް ޖެހުން ދުރު ވެރައިޓީއެއްކަން ފާހަގަ ކުރެވެއެ. އެހެންނަމަވެސް ގަހުގައި އަޅާ މޭވާ ވަނދަށް ވެއްޓުން ފަދަ ކަންކަން ކޮންމެވެސް ވަރަކަށް ދިމާވަމުންދެއެވެ. މިމައްސަލަ ޙައްލު ކުރުމަށްޓަކައި ބަނބުކެޔޮ އިންދާ ބިމަކީ ރަނގަޅަށް ފެން ހިންދޭ ބިމެއްކަން ކަށަވަރު ކުރުމަށް ސަމާލުކަން ދޭށެވެ.

ގަސްގަނޑު ތޮރުފައިގެން ކައި ހަދާ މަޑި ( ސްޓެމް ބޯރަރ ) ގެ މައްސަލަ ކުރިމަތި ވިޔަ ނުދިނުމަށްޓަކައި ގަސްބުޑު ތެއްވިޔަ ނުދީ ސާފުކޮށް ބޭއްވުމަށް ސަމާލުކަން ދޭންވާނެއެވެ.

https://sarukaaru.gov.mv/articles/7133