ދުނިޔެ މަސްނޫއީ ބުއްދި (މަބް)ގެ އައު ފަތިހަކަށް އަލި ވިލެނީ ކަމަށް ވިދާޅުވަމުން، ދުނިޔޭގެ މަބްގެ 4 ވަނަ މަހާސިންތާ އިންޑިއާގައި ބޭއްވުމަށް އިންޑިއާ ބޮޑު ވަޒީރު ހުށަހަޅުއްވައިފިއެވެ.
މޮދީ ވިދާޅުވީ ދިރިއުޅުމުގެ ހުރިހައި ދިމާއަކަށް، މަބް ވަންނަމުންދާއިރު، ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތަކަށް، އިތުބާރާއި ހާމަކަން ބޮޑު ގޮތަކަށް އެ ދާއިރާގައި ބައިވެރި ވެވޭގޮތަށް، އެއްބައިވަންތަ ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
ފްރާންސުން ވަނީ މަބްގެ 3 ވަނަ މަހާސިންތާ ބާއްވާފައެވެ. މީގެ ކުރިން އިނގިރޭސިވިލާތާއި ދެކުނު ކޮރެއާއިން މަބްގެ މަހާސިންތާ ބާއްވާފައި ވެއެވެ. ޕެރިހުގައި އޮތް މަބް ސަމިޓްގައި މޮދީއަކީ މެކްރޮންއާއެކު ރިއާސަތު ބެލެހެއްޓެވި ފަރާތެވެ.
އިންޑިއާގެ މަހާސިންތާ ހުށަހެޅުމަށް ފްރާންސުން ވަނީ ތާއީދުކޮށްފައެވެ.
"އޭއައި އިން އަންނަނީ އަޅުގަނޑުމެންގެ ސިޔާސީ ކަންކަމާއި، އިގްތިސާދާއި، ސަލާމަތާއި، އަދި އަޅުގަނޑުމެންގެ މުޖުތަމައު ވެސް އަލުން އައު ގޮތަކަށް ބައްޓަން ކުރަމުން،" މޯދީގެ ތަގްރީރުގައި ވިދާޅުވި އެވެ.
މަބްގެ ދުނިޔޭގައި މައުލޫމާތާއި އެލްގޮރިދަމް އޮޅުވާލުން އާންމުކަމަށް ވެފައިވާތީ، އެކަން ހުއްޓުވުމަށް ވަކިފަރާތަކަށް ނުޖެހޭ އިންސާފުވެރި ޑޭޓާސެޓްތައް ތައާރަފް ކުރުމަށްވެސް އެދިވަޑައިގަތެވެ.
މަބް ތައާރަފް ވުމާއެކު ވަޒީފާ ގެއްލުމުގެ ބިރު ހީވުމާ ދެކކޮޅަށް މޮދީ ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ، ޓެކްނޮލޮޖީގެ ބަދަލުތަކުން އާ ވަޒީފާގެ ފުރުސަތުތައް އުފައްދައިދޭ ކަމަށެވެ. އަދި އެކަން ތާރީހުން ދައްކާފައިވާ ކަމަށެވެ. މަބް އިގްތިސާދީ ދާއިރާއަށް ވައްދަނީނަމަ، އިންސާނުން ތަމްރީނު ކުރުމާއި ކުރިން ތަމްރީންކޮށްފައި ތިބި މީހުން އަލުން ތަމްރީނު ކުރަން ޖެހޭ ކަމަށްވެސް މޮދީ ވިދާޅުވިއެވެ.
އިންޑިއާގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޮދީ ވިދާޅުވީ، އިންޑިއާއަކީ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެންޓް ޕޫލް ކަމަށެވެ.
އަދި ސްޓާޓްއަޕްތަކާއި ރިސާޗަރުންނަށް ކޮމްޕިއުޓޭޝަނަލް ރިސޯސްތައް ހެޔޮ އަގުގައި ލިބޭނެ ގޮތް ފަހިކޮށްދޭ އާދަޔާ ޚިލާފް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްއެއް އިންޑިއާގައި ޤާއިމް ކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.
މޯދީ ވަނީ އިންޑިއާގެ 1.4 ބިލިއަން މީހުންނަށް ޚަރަދު ކުޑަ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާއެއް ބިނާކުރުމުގައި ހޯދާފައިވާ ކާމިޔާބީވެސް ފާހަގަ ކުރައްވާފައެވެ. އަދި އެއިން ވެރިކަމުގެ މޮޑެލްގައި މަބް ކުޅޭ ދައުރު ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.