ބާސެލޯނާ އާއި ރެއާލްމެޑްރިޑުގެ ކުރީގެ މަޝްހޫރު ފޯވާޑް ހާވިޔާ ސަވިއޯލާ ރާއްޖެ ގެނެސް ފުޓްބޯޅަ ކޭމްޕެއް ކުރިއަށް ގެންދަން "ސިޔާމް ވަރލްޑް" އިން ނިންމައިފިއެވެ.

މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ކޭމްޕުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އޭޕްރީލް 24 އިން 28 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ސަވިއޯލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު ތަރިންގެ އިރުޝާދާއެކު ފުޓްބޯޅައިގެ ހުނަރުމަތިކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސިޔާމް ވަރލްޑުން ދެކެއެވެ.

ސަވިއޯލާއަކީ އާޖެންޓީނާ ގައުމީ ޓީމަށްވެސް ކުޅެފައިވާ ވިދުންގަދަ ތަރިއެކެވެ. ގޯލާ ރައްޓެހި ފޯވާޑަށް ދުނިޔޭގެ ސަމާލުކަން ލިބުނީ އުމުރުން އެންމެ 18 އަހަރުގައި ދެކުނު އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމުންނެވެ.

ސިޔާމް ވަރލްޑުން ގެންދަނީ ކޮންމެ އަހަރަކުވެސް މަޝްހޫރު ފުޓްބޯޅަތަރިން ގެނެސްގެން ފުޓްބޯޅަ ކޭމްޕްތައް ހިންގަމުންކަން ފާހަގަ ކޮށްލެވެއެވެ.