މިއީ ރާއްޖެތެރޭގެ ފަރުފަރުތަކުގެ ބޭރުގައި އުޅޭ ހިކައެކެވެ.

މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މޫދުގައި އުޅޭއިރު ވަރަށް އަޅައިގަންނަ ރީތިގޮތަކަށް ކުލަވަރާއި އުޅުން ހުންނަ މަހެކެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ ފަރުތަކުގެ ބޭރުން ހިފާއުޅެނީ ހަމައެކަނި ދިރޭމަސް ބޭރުކުރުމަށް މަސްހިފާ މީހުން ވައިފުޅި އަޅައިގެން ފީނައިގެންނެވެ. މިއީ އެކުއޭރިމްތަކުގައި ގެންގުޅުމަށް މީހުން ލޯބިކުރާ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 އެ މަޑުކަށިހުރެއެވެ. ބަޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ކަޅުކުލައެވެ. މަހުގާ ދިގަށް ވަރަށް ހިމަ ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައި ހުންނަނީ ދިހުންގަދަ ރީނދޫކުލައެއްގައެވެ. މަހުގެ ބުރަކަށިމަތި ހުންނަނީ ފަނޑު ދޮންކުލައެއްގައެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ހުރެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ އެއްވަރަކަށްނޫނެނެވެ.

މި ހިކައަށް ކިޔާ ވަކި ޙާއްސަނަމެއް ރެކޯޑުކުރެވިފައި ނެތުމާއެކު މި މަހަށް ކިޔާ ސައިންޓިފިކްނަމާއި، އިނގިރޭސީނަމާ ގުޅޭގޮތަށް މަހުގެ ކުލަވަރަށްވިސްނާ "ދޮންކޮތަރިހިކާ" ކިޔާ ނަންދީފައިވަނީއެވެ. މި ހިކާ އެންމެ ބޮޑުވަނީ 13.5 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003