ކުށުން ރައްކާތެރިވެފައިވާ މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ގެނަމަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ހިސާބުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތާއި ވައިބަރ ހެކްކުރުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވާކަމަށާއި ސްކޭމްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތަށް އޮޅުން ފިލުވައި އަދި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.
އަދި މުޖުތަމައުގައި އާންމުކޮށް ހިނގަމުންދާ ކުއްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި މައުލޫމާތު އެކުލެވޭ ލީފްލެޓް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.