ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓަކު ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަރީފް، އިންޓަވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަނުކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވި ކަމަށެވެ. އަދި އަލްއުސްތާޛު ޢަލީ ޝަރީފް ލ. ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް 2021 މާރިޗު 07 ގައި ބޭއްވި މި ކޮމިޝަނުގެ 19 ވަނަ ބައްދަލުވުމުގައި ނިންމި ކަމަށެވެ.

ޖޭއެސްސީން ބުނިގޮތުގައި އަލްއުސްތާޛު ޢަލީ ޝަރީފް ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރ އޮނަރސް ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛު ޢަލީ ޝަރީފްއަކީ މެޖިސްޓްރޭޓްކަމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ އާއި ސިވިލް ކޯޓްގެ ލީގަލް އެސިސްޓެންޓެއްގެ މަޤާމުގައި 1 އަހަރުގެ ތަޖުރިބާ ހުރި ފަރާތެކެވެ.