އެމެރިކާގެ ދިފާއީ ވަޒީރު ލުއޭޑް އޮސްޓިން ކުރައްވާ ދަތުރުފުޅުގައި އޭޝިއާއަށް ވަޑައިގަތުމަށް ނިންމައިފިއެވެ. ހަވާއީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ ދަތުރުފުޅަކީ، އޭޝިއާގައި ތިބި އެމެރިކާގެ ރަޙުމަތްތެރިންނާއި ބައިވެރިންނަށް ޔަގީންކަން ދިނުމަށާއި އެފަރާތްތަކާ އެކު ދިފާއީ ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާއިން މެދުއިރުމަތީގައި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އަވަދި ނެތި އުޅުނު އިރު ޗައިނާއިން ވަނީ އަވަސް އަރުވާލައިގެން އެމެރިކާ ޖަހާލައި އަސްކަރީ މައިދާނުގައި ކުރި ހޯދުމަށް މަސައްކަތް ކޮށްފައެވެ. އޭނާ ވިދާޅުވީ ޗައިނާ އިން ވަނީ ކުރި ހޯދާފައެވެ. އެހެނަމަވެސް އަދިވެސް ކުރީގައި އޮތީ އެމެރިކާ ކަމަށެވެ. އަދި އެމެރިކާއާއި އެމެރިކާގެ ބައިވެރިއަކާ އެއްވެސް ފަރާތަކުން ދިމާ ކޮށްފިނަމަ އެފަރާތަކަށް ރައްދު ދިނުމުގައި އެމެރިކާ ފަސް ނުޖެހޭނެ ކަމަށެވެ.

އޮސްޓިންގެ ދަތުރުފުޅުގައި ޓޯކިޔޯއާއި ސިއޯލްގެ ބައިގައި އެމެރިކާގެ ޚާރިޖީ ވަޒީރުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމެރިކާއިން އޮތީ އިރުމަތީ ޗައިނާ ކަނޑަށާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގމުންގެންދާ އަސްކަރީ ހަރަކާތްތަކަށް ފާރައަށެވެ. އަދި އެމެރިކާއިން ގޮވާލަމުން ދަނީ ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑަކީ މިނިވަންކަމާއެކު ހުރިހައި ފަރާތަކަށްވެސް ދަތުރުފަތުރުކުރެވޭ ކަނޑުތަކެއްގެ ގޮތުގައި މިނިވަންކޮށް ބާއްވާށެވެ.

ޗައިނާއާ ދެކޮޅަށް އިއްތިހާދުވެފައިވާ އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާއާއި ޖަޕާނާއި އޮސްޓްރޭލިއާގެ ވެރިންނާއެކު އެމެރިކާގެ ރައީސް ބައިޑެން ބައިވެރިވެ ވަޑައިގަންނަވާ ވަރޗުއަލް ސަމިޓެއް މި މަހު، އޮންނާނެއެވެ.