ރައީސުލްޖުމްހޫރިއްޔާގެ ވިޝަންގައިވާ ފަދައިން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ މިއަދުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިއަދު އަޅުގަނޑުމެން ކާބޯތަކެތި ހޮދުމުގައި ބޭރު ޤައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީޒު ގެ ވިޝަން އާއި އެއްފަދައިން އަމިއްލަ ފައިމައްޗަށް ތެދުވެ، ކާބޯތަކެތީގެ މިނިވަންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ކާބޯތަކެތީގެ މިނިވަންކަން ހޯދުމަކީ ހަމައެކަނި އިޤްތިޞާދީ ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، ދިވެހި ކާނާގެ ސަގާފަތް ދެމެހެއްޓުމާއި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި، ދުޅަހެޔޮ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމުގެ މައްސަލަ.

ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ޙަޤީޤަތެއްކަމަށެވެ. އަދި އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއަށް ބަލާއިރު، އިހުޒަމާނުންސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ ފުދުންތެރިކަމުގެ މައްޗަށްކަމަށެވެ. ކޮންމެ ރަށެއްގައިވެސް އޮންނަ ދަނޑުބިންތަކާއި، ކަނޑުގެ މުއްސަނދިކަމާއި، ގޯތިތެރޭގައި ހައްދާ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީއަކީ މީގެ ހެއްކެއްކަމަށެވެ.

އަމިއްލައަށް ކާނާ އުފެއްދުމުގެ ޤާބިލުކަން ހޯދުމަކީ ޙަޤީޤީ މިނިވަންކަމުގެ ފެށުން. އަދި އެއީ ރައީސްގެ ވިޝަންގައިވާ ފަދައިން، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ ވަރުގަދަ ބިންގަލެއް

ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މިމަހުގެ 12 އިން 13 ށް، އިޓަލީގެ ރޯމްގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް(އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ ގައި ބައިވެރިވެވަޑައިނަވައި، ދަނޑުވެރިކަމާއި ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން، ވާހަކަފުޅު ދައްކަވާފައެވެ.