މި ފެށޭ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 2025 ފެބުރުވަރީ 18 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 06 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުންފުޅަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީތަކުގައި އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާން ކުރުމާއިއެކު، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކުރުމާއިއެކު ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މި ދެންނެވި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމެނެއެވެ. އަދި ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން، ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާތް ދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމެނެއެވެ. އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ ޢިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000.00 (ތިން ހާސް) ރުފިޔާ ދޭން ވާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ހަމަ މިއާއެކު، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށްޓަކައި ބުނެވިދިޔަ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ބިލުގައި ހިމަނުއްވާފައިވެއެވެ. އަދި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.