ޕާކިސްތާނުގެ ޕެޝަވާރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި ބަޑިޖެހުމުގެ ތެރޭގައި ފަސް މީހަކު މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން މިހާދިސާ ހިނގާފައި ވަނީ މަޝޯޚްލް ސަރަހައްދުގައި ދުއްވާފައި ދިޔަ ވެހިކަލަކަށް ގޮތެއް ފޮތެއް ނުބަލައި ބަޔަކު މީހުން ބަޑިޖެހުމުން ނެވެ.
މި ކަމަކީ ޒާތީ އަދާވާތްތެރިކަމެއް ފިލުވާލުމަށް ކުރި ކަމެއްކަމަށް ފުލުހުން ބުންޏެވެ. މި ކަމުގައި ބައިވެރވާ މީހުން ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް ވެސް މީޑއާއަށް މައުލޫމާތު ދީފައި ވެއެވެ. މިކަމާ ގުޅުން ހުރި އަދާވާތްތެރިކަމުގެ އެތައް ކަމެއް މިދޔަ މަހުން ފެށިގެން ހިނގާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޖެނުއަރީ މަހުގެ ކުރީކޮޅު ޕޭޝަވާރުގެ ޓެހްކަލް ސަރަހައްދުގައި ދެ ބައިމީހުންގެ މެދުގައި ހިނގި ބަޑިޖެހުމުގައި 5 މީހަކު މަރުވެ ހަ މީހަކު ޒަހަމްވެފައިވެއެވެ. އެއީވެސް އާންމުންގެ ބަޔަކު ޒާތީ އަދާވާތްތެރި ކަމެއް ފިލުވާމުލަށް ހިންގި ބަޑިޖެހުމެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.