ދިވެހިރާއްޖެއަކީ ހަރުކަށި ނުވަތަ ޙައްދު ފަހަނައެޅި ޤައުމެއްގެ ގޮތުގައި ޞިފަކުރާނެ ޖާގައެއް ނެތްކަމަށާއި، ރާއްޖޭގައި އެ މައްސަލައަށް ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުންވެސް ވަރަށް ރަނގަޅަށް ފަރުވާކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޢާއްމުންނަށް ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ"ގެ ތެރެއިން ރޭ ބޭއްވި ފޯރަމުގައި ޢާއްމުންގެ ތެރެއިން ބޭފުޅަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމާއެކު، އެހެނިހެން އިސްލާމީ ޤައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އެއްބައިވަންތަ ޤަައުމެއް ކަމަށެވެ.
ދިވެހިންނަކީ އިސްލާމީ މަންހަޖާއި ފިކުރުގެ ގޮތުން ސުންނީންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ދީނުގެ މެދުމިން އުޞޫލުތައް ހިފަހައްޓަމުންދާ ބައެއް ކަމަށާއި ޙައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރަކީ ދިވެހިންގެ މެދުގައި ޢާންމު ކަންތައްތަކެއް ނޫންކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.
އަދި ރާއްޖެއަކީ ޙައްދު ފަހަނައެޅި ޤައުމެއްގެ ގޮތުގައި ޞިފަކުރާނެ ޖާގައެއް ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެހެނިހެން އިސްލާމީ ޤައުމުތަކުގައި ޙައްދު ފަހަނައެޅުން ފަދަ މައްސަލަތައް އޮތް މިންވަރަށް އެފަދަ މައްސަލަތައް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ޢިލްމީ ގޮތުންނާއި ޤާނޫނީ ގޮތުން އެފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ފަރުވާކުރެވެމުންދާކަމަށް ޝަހީމު ވިދާޅުވިއެވެ.
ރާއްޖެއަކީ ހަރުކަށި ޙައްދުފަހަނައެޅި ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ޞިފަކުރާތީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކަށް ވަޒީރު ވިދާޅުވީ އެފަދަ ވާހަކަދައްކާ ފަރާތްތަކަށް އެކަން ނުކުރަން ނަޞޭޙަތްތެރިވާންޖެހޭ ކަމަށެވެ. މީގެ އިތުރުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ހައްދުފަހަނާއެޅި ތަނެއްގެ ގޮތުގައި ސިފަ ކުރެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.
"ރާއްޖެއަކީ ހުރިހާ އެންމެންނަށްވެސް އިޙުތިރާމުކުރާ ޞުލްޙައަށް ލޯބިކުރާ، އެހެން ދީންތަކުގެ މީހުންނަށްވެސް ޢަދުލުވެރި ގޮތުގައި އިޙުސާންތެރިވާ އެންމެނަށް އިޙުތިރާމުކުރާ ޤައުމެއް ދިވެހިރާއްޖެއަކީ. އެހެންވީމާ ދިވެހިރާއްޖެއަަކީ ޙައްދުފަހަނައަޅާފައިވާ މުޖުތަމަޢެއްގެ ގޮތުގައި ޞިފަކުރަން އެއްވެސް ޖާގައެއް އޮތްކަމަށް ނުދެކެން،" ޑރ.ޝަހީމު ވިދާޅުވިއެވެ.
ޙައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަރުބިއްޔަތަށް އިސްކަންދީގެން އިސްލާމްދީނުގެ އުޞޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ރިސާލާގެ ނަމުގައި މިފަދަ މައްސަލަތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ޤައުމީ ފެންވަރުގެ ޕްރޮގުރާމެއް ހިންގަވަމުންނެވެ.
https://sarukaaru.gov.mv/articles/7185