ސްރީލަންކާގެ ދިދަ ޖަހައިގެން ޗައިނާއިން އުފެއދި ފައިފުހި އޮންލައިން ފިހާރަތަކުން ނެގުމަށް ސްރިލަންކާއިން މަސައްކަތް ކުރިތާ އެއް ދުވަސްފަހުން އަދިވެސް އެފަދަ އިތުރު ސާމާނުތައް ތިލަވާން ފަށައިފިއެވެ.

މިހާރު އެނގުނު ގޮތުގައި ޗައިނާ ކުންފުނިން އުފައްދާފައި ވަނީ ފައިފުހި އެކަންޏެއް ނޫނެވެ. ސްރީލަންކާގެ ދިދަ ޖެހި ބިކިނީއާއި ފައިވާންވެސް އެބަހުއްޓެވެ.

ސްރީލަންކާ ސަރުކާރުން އެދިފައިވަނީ މިތަކެތި އުފައްދާ ފަރާތުން މި އުފެއްދުންތައް ހުއްޓުވުމަށާއި އޮންލައިން ފިހާރަތަކުން މިތަކެތި ވިއްކުން ހުއްޓުވައި ދިނުމަށެވެ.

ވޮޝިންޓަނުގައި ހުންނަ ލަންކާ އެމްބަސީން ވަނީ މި މައްސަލަ ސަރުކާރާއި އެމެޒޮންއާއި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. ކޮޅުނބުން ނުތަނަވަސްކަން ފާޅުކުރި ފަހުންވެސް އޮންލައިން އެތައް ފިހާރައަކުން ހުއްޓުމެއް ނެތި މިތަކެތި ވިއްކަމުން ގެންގޮސްފައިވާ ކަން އެނގިފައި ވެއެވެ.

މީސްމީޑިއާގައި މީހުން ވަނީ މިކަމާ ހެދި ރުޅި ބާލާފައެވެ. "އެއީ އެމީހުން އަހަރަމެނާ މެދު ދެކޭ ގޮތް" އެފްބީގައި އެކަކު ލިޔުނެވެ. އަނެކަކު ބުނީ "އަހަރަމެން ލޯން ފައިސާ ނުދައްކައިފިނަމަ އަހަރަމެނަށް ހަދާނެ ގޮތް ދައްކާލީ" ކަމަށެވެ.

ޗައިނާއިން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި މި މައްސަލަ ބަލާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.