ފަހިއްތަ އަކީ ފަންސާހުގެ އަހުރުތައް ގުނަމުންދާ ރާއްޖޭގެ ރަށެއްގައި ދިރިއުޅޭ 7 ކުދިންގެ މަންމަ އެކެވެ. ފަހިއްތަ ގެ ލޯ ފުސްވާން ފެށުމާއި ގުޅިގެން ޑޮކްޓަރަށް ދައްކަން އިންޑިޔާ އަށް ދިޔައެވެ. ފަހިއްތަ އާއެކު އޭނާގެ ފިރިމީހާވެސް ދިޔައެވެ. މި ދެމަފިރިން އިންޑިޔާގެ ޓްރިވެންޑްރަމަށް ދިޔައީ ކޮންމެވެސް ވަރަކަށް އާއިލީ ގުޅުން އޮތް މާލޭގައި ދިރިއުޅޭ ބަޔަކާއި އެކުއެވެ.
ފަހިއްތަގެ ދެމަފިރިން ގޮވައިގެން ލޮލުގެ ޚާއްޞަ ޑޮކުޓަރުން ތިބޭ ހޮސްޕިޓަލަކަށް ދިޔައީ މި ދެންނެވި އާއިލީ ތިމާގެ ދެމަފިރިންނެވެ. ފަހިއްތަ ޑޮކުޓަރަށް ދެއްކުމަށް ފަހު ލޮލަށް ބޭސް އަޅައި ޓެސްޓް ތަކެއް ހަދަން ޖެހޭތީ ނަރުސްކުއްޖަކު ފަހިއްތަ ގެންގޮސް ކުޑަ ކޮޓަރިއެއްގައި ބޭންދިއެވެ. ފަހިއްތަ އާއި ހަވާލުވެގެން ދިޔަ ދެމަފިރިންގެ ތެރެއިން އަންހެންކުއްޖާ ފަހިއްތަ ގާތު ގޮނޑީގައި އިށީންނާށޭ ކިޔާފައި ފާޚާނާ އަކަށް ދިޔައެވެ. މި ކުއްޖާ ފާޚާނާ އިން ނުކުމެގެން އައިރު ނަރުސް ކުއްޖާ ފަހިއްތަ ގެއްލިގެން ހޯދަނީ އެވެ. ފަހިއްތަ އާއި ހަވާލުވެގެން ދިޔަ ކުއްޖާވެސް ވަރަށް ކަންބޮޑު ވެއްޖެއެވެ. އޭނާގެ ފިރިމީހާ އަށް ގުޅިއިރު ފިރިމީހާ މިހިރީ ފަހިއްތަގެ ފިރިމީހާ ޑޮކްޓަރަށް ދައްކަން އެހެން ޑޮކްޓަރެއްގެ ގާތުގަ އެވެ. ދެން ހުރިހާ ކަމެއް ހުއްޓާފާއި ނަރުސް ކުދިންނާއި ފަހިއްތަ އާއި ހަވާލުވި ދެމަފިރިން ފަހިއްތަ ހޯދަން ފަށައިފިއެވެ. އެތައް އިރެއް ފަހުން ފަހިއްތަ ފެނުނީ ހޮސްޕިޓަލުގެ އެހެން ޑިޕާޓްމެންޓެއްގައި ތިބި ދިވެހިން ތަކަކާއި ވާހަކަ ދައްކަން އިންދައެވެ. ބޭސް އަޅަން ގޮނޑީގައި ބޭންދީމާ ތެދުވެގެން ދިޔައީ ކީއްވެހޭ އެހީމާ ފަހިއްތަ ބުނީ ނަރުސްކުއްޖާ އައުން ލަސްވެގެން އޭނާ ހޯދަމުން ދަނިކޮށް މިބައިމީހުނާ ދިމާވެގެން ވާހަކަދައްކާލަން އިނީ ކަމަށެވެ. ފަހިއްތަ ގޮވައިގެން ދިޔަ ދެމަފިރިން އެހެން ކަންތައް ނުކުރުމަށް ފަހިއްތައަށް ވަރަށް ނަސޭހަތް ދިނުމަށްފަހު ޑޮކުޓަރަށް ދެއްކުމުގެ ކަންތައް ނިންމާލާފައި ހޮޓަލަށް ހިނގައްޖެއެވެ.
އަނެއްދުވަހުވެސް ފަހިއްތަ ގޮވައިގެން މި ދެމަފިރިންނަށް ޑޮކްޓަރަށް ދާން ޖެހިއްޖެއެވެ. ޓެސްޓްތަކުގެ ނަތީޖާ ދައްކައި، އަލުން ޑޮކްޓަރަށް ދެއްކުމަށެވެ. މިފަހަރު ހޮސްޕިޓަލަށް ވަންނަން ވެގެން އޮޓޯއިން ފޭބި އިރު ފަހިއްތަގެ ފައިވާނުގެ އެއްކިބައެއް ނެތެވެ. ދެން މުޅި ކުރޮޅި އެފުށް މި ފުށަށް ޖެހި އިރުވެސް ފަހިއްތަގެ ފައިވާން ކިބައެއް ނުފެނުނެވެ. އެންމެ ފަހުން ފަހިއްތަ ކުރޮޅިއަށް އެރީ ފައިވާނުގެ ދެކިބަޔަށް އަރައިގެންތޯ ބެލުމަށް ހޮޓަލުގައި ތިބި މީހުނަށްވެސް ގުޅިއެވެ. ހޮޓަލުގައި ފަހިއްތަ ގެ ފައިވާންކިބަ ނެތުމުން ދެކިބަޔަށް އަރައިގެން އައިކަން ޔަގީން ވިއެވެ. އެހެންކަމުން ފަހިއްތަ ގާތު އޮޓޯގައި އިން އިރު އިނީ ފައިވާނުގެ ދެކިބައަށް އަރައިގެންތޯ ސުވާލުކުރިއެވެ. ފަހިއްތަބުނީ އޮޓޯގައި އިނީ ފައިވާން ބާލައިގެން ކަމަށެވެ. ފަހިއްތަ އާއި ހަވާލުވި ދެމަފިރިންނަށް މިވީ ގޮތް އެނގިއްޖެއެވެ. އޮޓޯގެ އެންމެ ބިއްދޮށުގައި އިނީ ފަހިއްތަކަމުން ދުއްވަމުން ދިޔައިރު ފަހިއްތަގެ ފައިވާން ކިބަ ވެއްޓުނީ އެވެ. އެހެންކަމުން ދެން އެ ދެމަފިރިންނަށް ޖެހުނީ ޑޮކްޓަރަށް ނުދައްކާ އިހަށް ފަހިއްތަޔަށް ފައިވާނެއް ގަންދޭން ބާޒާރަށް ދާށެވެ.
ކޮންމެ މީހަކުވެސް ކޮންމެ ތަނެއްގައި އުޅުނަސް އަމިއްލަ އަށް ވިސްނައި ޒިންމާ ނަގަން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެހެން ނޫންނަމަ ފަހިއްތަ އަށް ދިމާވި ކަހަލަ އެތައް ހާދިސާއެއް ދިމާވެދާނެއެވެ.