ޕާކިސްތާންގައި އަންހެނުންގެ ދުވަހުގެ ހނގާލުމާ ގުޅިގެން އޮޅުވާލައިފައިވާ ބައެއް ފޮޓޯ ތަކުގެ މައްސަލަ ތަހްގީގު ކުރާނެ ކަމަށް ޕާކިސްތާންގެ ރެލިޖަސް އެފެއާޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ. މާޗް މަހުގެ އަށް ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް ޕާކިސްތާނު އަންހެނުން އެމީހުންގެ ޝުއޫރު ފާޅުކުރާ ދުވަހެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު ބާއްވާފައިވާ އައުރަތު މާޗްއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ވަނީ މި ހިނގާލުމުގައި ބޭނުން ކޮށްފައިވާ ބެނާތައް ކަމަށް ބުނެ، ބައިވެރިންނަށް ހުތުވާ ގޮތަށް ފޮޓޯޝޮޕް ކޮށްފައިވާ ބެނާތަކެއް މީސްމީޑިއާއަށް ލާފައެވެ.

މީގައި ފެންނަނީ އިސްލާމް ދީނަށް ހުތުރުވާފަދަ ބައެއް ލިޔުންތަކެވެ. ރެލިޖަސް އެފެއާޒް މިނިސްޓަރ ނޫރުލް ހައްގު ގާދިރީ ވިދާޅުވީ ދީނަށް ހުރތުރުވާފަދަ ކަމަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ޕާކިސްތާންގައި އައުރަތު މާޗްއަކީ ބޮޑު މައްސަލައެކެވެ. ފިރިހެނުންގެ ބާރުގަދަ މި މުޖުތަމައުގައި އަންހެނުން، 2018ން ފެށިގެން ބާއްވަމުން ގެންދާ އައުރަތު މާޗްގައި ކޮންމެ އަހަރަކުވެސް ބައެއް ދީނީ ޖަމާއަތްތަކުން އަންހެނުންނާ ދެކޮޅަށް ފުރައްސާރަ ކުރުމަށް ނިކުމެއެވެ.