ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ރައީސް ވަނީ، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، އިޖުތިމާއީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ގާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައެވެ.

މި އަހަރުގެ ޝިއާރު "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" އަކީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ، ކުޑަ، ޖަޒީރާ ގައުމެއްގެ ގައުމީ އަހަންމިއްޔަތުތަކާއި، ބައިނަލްއަގުވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިއާރެއްކަން ރައީސް މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ތަރައްގީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިއާރުން އިޝާރާތްކުރާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ދިވެހިރާއްޖެއިން މަސައްކަތްކުރާނީ، އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓަރތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާއީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބާއި އިގުތިސާދީ ކުރިއެރުމަށް އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ. އެގޮތުން، ރަސްމާލެ މަޝްރޫއު ވެގެންދާނީ ފުރަތަމަ އިކޯ- ސިޓީއަށް ކަމަށާއި، އެއީ، ގެދޮރުވެރިކަމާއި އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލޯ- ކާބަން އިކޮނޮމީއަކަށް ވާސިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ރާއްޖޭގެ އެނަރޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިގްތިސާދީ، އިޖުތިމާއީ، ތައުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައިވެސް، މި ވިސްނުން އިސްކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޒުވާނުންނާއި، އިސްވާރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނޭ ފުރުސަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުން އަންނަ ލޮޅުންތަކާއި، އިގްތިސާދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމައު ހިމާޔަތްކޮށްދިނުމުގައި މިފަދަ ހަރުދަނާ ނިޒާމުތަކުން އަދާކުރާނޭ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އާދަކާދަތަކުން ލިބޭ އިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައިވެސް ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތްކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމައަށް ޑިޖިޓަލް ބަދަލެއް ގެނެސްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެންނަށް އަދުލުވެރި މުސްތަގުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާއީ ރޫހު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.