ކޮވިޑް ގައިޑްލައިންތަކުގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

ސައީދުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި، މާލެ ސަރަހައްދާއި ވަކިން ހާއްސަކޮށް މާލޭގެ ވިޔަފާރިކުރާ އެތައް ފަރާތެއްގެ ގޮތްހުސްވެ ކެފޭ ރެސްޓޯރެންޓާއި ކުދި ވިޔަފާރިތަކުގެ އިތުރުން، ޓެކްސީ، ޕިކަލް އަދި އެއްގަމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ ވިޔަފާރިތައް ހީނަރުވެ ނެތުމުންދާކަމަށެވެ.

އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހަޅާކަމަށެވެ.

"ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސަރަހައްދާއި ވަކިން ހާއްސަކޮށް މާލޭގައި ވިޔަފާރި ކުރާ އެތައް ފަރާތެއް ގޮތް ހުސްވެ، ވިޔަފާރިތައް، ކެފޭ ރެސްޓޯރަންޓް ކުދި ވިޔަފާރިތަކުގެ ގޮތުގައި ހަރަކާތްތެރިވާ ފިހާރަތައް ޓެކްސީ ޕިކަޕް އަދި އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކާއި ކަނޑުދަތުރުފަތުރުތަކާއި މުދާ އުފުލާ ފަރާތްތަކަށް [ގެއްލުންވަމުންދޭ]،" ސައީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.