ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޙަމާސްގެ މެހުމާންދާރީގައި ގެންގުޅޭ ހަނގުރާމައިގެ ޒަޔަނިސްޓު އަސީރުންނާ މެދު އޯގާތެރިކޮށް މުއާމަލާތުކުރާ ކަން ޤައްސާމީން ތާރީޚަށް ސާބިތުކޮށްދީފިއެވެ.

ޣައްޒާގެ ނޫސެއިރާތުގައި އަސީރުން ބަދަލު ކުރުމުގައި، ޒަޔަނިސްޓުންގެ އަސީރަކު ވަނީ، ޙަމާސްގެ 2 ޤައްސާމީންގެ ބޮލުގައި ބޮސްދީފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި އަދިވެސް ދަނީ ވައިރަލް ވަމުންނެވެ.

މުހައްލިލުން ބުނަމުން ދަނީ މިއީ އިންސާނީ ތާރީޚުގައި ހަނގުރާމައިގެ އަސީރަކު އޭނާ ގެންގުޅުނު ބަޔަކަށް ބޮސްދިންކަމަށް ޑޮކިއުމެންޓު ކުރެވޭ ފުރަތަމަ ހާދިސާ ކަމަށެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ބުނީ "އިޒްރޭލުގެ އަސީރު، އުމަރު ޝެމް ޓޯވް 2 ގައްސާމީންގެ ބޮލުގައި ބޮސްދިން މަންޒަރު އަރަބި ދުނިޔޭގެ ސޯޝަލް މީޑިއާ ވިއުގަތަކާއި ޗެނަލްތަކުގައި ހިޓްވެފައިވާ ކަމަށާއި އިޒްރޭލު މީޑިއާއިން އޭނާ މަތިން ހަނދާން ނައްތާލާފައިވާ" ކަމަށެވެ.

އިޒްރޭލުގެ ނޫސް މައާރީވް އިން ބުނީ "އިޒްރޭލުގެ އަސީރު އުމަރު ޝެމް ޓޯވްގެ ބޮސްދިނުމުން ހަމާސްގެ ތޫނުފިލި ހަރަކާތްތަކުން އިޒްރޭލަށް ސިހުމެއް ލިބިފައިވާ" ކަމަށެވެ.

މިއާ ޚިލާފަށް އިޒްރޭލުން ވަގަށް ނަގައިގެން ގެންގުޅެފައި މިނިވަން ކޮށްލާ ގައިދީންނަށް އިޒްރޭލުގެ ޖަލުން މަޖުބޫރުކޮށްފައި ވަނީ، ނާޒީ ޒަޔަނިސްޓު ޕްރޮޕެގެންޑާއަށް ހިތްވަރުދޭ ޓީޝާޓް ލައިގެން ތިބުމަށެވެ. އޭގައި ލިޔެފައި ވަނީ، "އަހަރަމެންގެ ދުޝްމަނުންގެ ފަހަތުން ގޮސް އެމީހުން ހިފާނަން އަދި އެމީހުން ނައްތާނުލެވޭހާ ހިނދަކު ހިމޭނަކުން ނުތިބޭނަން" ކަމަށެވެ. ހިޓްލަރު ބޮޑު އަވަނުގައި ޔަހޫދުން ފިހުނު އިރުވެސް މިފަދަ ޕްރޮޕެގެންޑާއެއް ހިންގާފައެއް ނުވެއެވެ.

ޒަޔަނިސްޓުންގެ މި ނާޒީ އަމަލަކީ، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފް އަމަލެއް ކަމަށް ފަލަސްޠީނުގެ އަސީރުންގެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.

ޙަމާސްއިން ހަނގުރާމައިގެ އަސީރުން މިނިވަން ކޮށްފައި ވަނީ 3 ތަނަކުންނެވެ. ނުސައިރާތުގެ އިތުރުން ރަފަޙަ ގައިވެސް ޤައްސާމީން ވަނީ އަސީރުން މިނިވަން ކޮށްފައެވެ. މިއީވެސް އިޒްރޭލަށް ސިހުން ލިބުނު ކަމެކެވެ. އަދި ޒަޔަނިސްޓުނާއެކު ހަނގުރާމަ ކުރަން ބައިވެރިވި ހިފާފައިވާ ފަލަސްޠީނުގެ ނަގަބް ސަހަރާގެ (ފަލަސްޠީނު) މީހަކުވެސް ރަސްމިއްޔާތަކާ ނުލައި ޤައްސާމީން ވަނީ މިނިވަން ކޮށްފައެވެ.

ހަމާސްއިން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ "އަޅުގަނޑުމެން ހަނގުރާމައިގެ އަސީރުންނާ މެދު އަމަލުކުރާ ގޮތް ބިނާވެފައިވަނީ އަޅުގަނޑުމެންގެ ދީނާއި އިންސާނީ އަގުތަކުގެ މައްޗަށެވެ. އެއާ ޚިލާފަށް ޒަޔަނިސްޓުންގެ ޖަލުތަކުގައި ގައިދީންނަށް ވޭންދެނިވި އަނިޔާތައް ދެމުން ގެންދެއެވެ."