ވެކްސިން ނުޖެހުމަށާއި ވެކްސިން ޖަފާއިވާ މީހުންނާ ކައިރި ނުވުމަށް އީރާންގެ މުއްލާއަކު ގޮވާލައްވައިފިއެވެ. އީރާންގެ ދީނީ މަރުކަޒު ކަމަށްވާ ޤުމް ސިޓީގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އާޔަތުﷲ ޢައްބާސް ތަބްރޭޒީގެ މި ދީނީ އިރުޝާދު ހާމަކުރައްވާފައި ވަނީ އޭނާގެ ޓެލެގްރާމް ޗެނަލްގައެވެ. މި ޗެނެލްގައި ދެ ލައްކައަށް ވުރެން ގިނަ ފޮލޯވަރުން ތިބެއެވެ.

އާޔަތުﷲ ތަބްރޭޒީ ވިދާޅުވާ ގޮތުގައި ވެކްސިން ޖެހުމުން މީހާ އެއްޖިންސުން ގުޅުން ހިންގަން ޝައުގު ވެރިވާ މީހަކަށް ވެއެވެ. އެހެންވެ ވެކްކސިން ނުޖެހުމަށާއި ވެކްސިން ޖަހާ މީހުންނާ ދުރުހެލި ވުމަށް އޭނާ އިރުޝާދު ދެއްވާފައި ވެއެވެ.

އީރާނު ސަރުކާރާ ދެކޮޅު ވެރިން ބުނާ ގޮތުން މެދުއިރުމަތީގައި އެންމެ ބާރަށް ކޮރޯނާ ފެތުރޭ މި ގައުމުޖގެ ވެރިން ވަނީ ފައިޒަރ ވެކްސިން އެތެރެކޮށް އަމިއްލައަށް އެ ވެކްސިން ޖަހައިފައެވެ.

ތަބްރޭޒީއަށް ތަބާވާ މީހުން ބުނާ ގޮތުން އޭނާއަކީ އިސްލާމީ ބޭސްވެރިކަމުގެ މަހާ ހަކީމެކެވެ! އަދި ތަބްރޭޒީ ވަނީ އިސްލާމީ ބޭސްވެރިކަމުގެ އިލްމުން ހުޅަނގުގެ ބޭސްވެރިކަމުގެ އިލްމު ތާކުންތާކު ނުޖެހޭ އެއްޗަކަށް ހަދާފައިވާ ކަމަށް ވިދާޅުވެ، މެޑިސިންގެ ރޮނގުން އެންމެ މަގްބޫލު ފޮތް ކަމުގައިވާ ހެރިސަންސް މެނުއަލް އޮފް މެޑިސިން އަންދާލާފައެވެ.

އީރާނުގެ ރާޒީ ވެކްސިން އެންޑް ސެރަމް އިންސްޓިއުޓުން ވަނީ އަމިއްލަ ވެކްސިންއެއް އުފައްދާފައެވެ. މާދަމާ، އަންގާރަ ދުވަހުން ފެށިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ބަލި މީހުންނަށް މި ވެކްސިން ޖަހަން ފަށާނެ އެވެ.