ކޮވިޑް-19 ބަލީގެ ތިންވަނަ ރާޅާއެކު، އަލަށް ބަލިޖެހޭ މީހުންގެ އަދަދު އެތައްގުނަ އިތުރުވާން ފެށުމާ ގުޅިގެން ޕާކިސްތާނުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އެގޮތުން، ވެރިރަށް އިސްލާމްއާބާދުގެ ބޮޑުބައެއް ސަރުކާރުން މިހާރުވަނީ ބަންދުކޮށްފައެވެ.
ޕާކިސްތާނުގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު އެތައްގުނަ އިތުރުވެ، ޕާކިސްތާނުގެ އެކި ކަންކޮޅުތަކުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެގައުމުން ލިބޭ ރިޕޯޓްތައް ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޕާކިސްތާނުން 2،253 މީހުން އަލަށް ޕޮޒިޓިވް ވެފައި ވެއެވެ.
އަދި އެ މުއްދަތުގައި އެކްޓިވް ކޭސްގެ އަދަދު 917 އަށް އަރައި، މިވަގުތު ތިބި އެކްޓިވް ކޭސްގެ ޖުމްލަ އަދަދު 22،038 އަށް މައްޗަށް ގޮސްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ބަލީގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 29 މީހުން މަރުވެ، މި ބަލީގައި އެގައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދުވެސްވަނީ 13،537 އަށް އަރާފައެވެ.
ޕާކިސްތާނުން މިހާތަނަށް ކޮވިޑް ބަލިޖެހޭ މީހުންގެ ތެރެއިން ބަލީގެހާލަތު ގޯސްވާ މީހުންގެ އެހާ މަތިނޫންކަމަށް ވެއެވެ. އެހެން ނަމަވެސް، ޕާކިސްތާނުން މީގެކުރިންވަނީ ބަލީގެ ދެރާޅާ ކުރިމަތިލާފައެވެ.
އަނެއްކޮޅުން، ޕާކިސްތާނުގައި އެކަށީގެންވާ މިންވަރަށް ޓެސްޓްވެސް ނުކުރެވޭތީ، އަސްލު ބަލިޖެހިފައިވާ މީހުންގެ އަދަދު ނޭނގޭ ކަމަށް އެކްސްޕާޓުން ވިދާޅުވެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ ޔޫކޭއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓެވެ.
މިކަމާހެދި، އިސްލާމްއާބާދުގެ ބޮޑު ތިން އަވަށެއް ހޯމަދުވަހުން ފެށިގެންވަނީ އެއްކޮށް ބަންދުކޮށްފައެވެ.
އިސްލާމްއާބާދުގެ ޑެޕިއުޓީ ކޮމިޝަނަރުގެ އޮފީހުން ބުނެފައިވަނީ، އިތުރު ސަރަހައްދުތައްވެސް ލޮކްޑައުން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހަފްލާތައް ބޭއްވުމާއި، އެއްވުންތަކާއި، ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ކުރިން ދީފައިވާ ހުއްދަތައްވެސް މިހާރުވަނީ ބާތިލްކޮށްފައެވެ. ޚާއްސަކޮށް އެއްވެސް ބާވަތެއްގެ އިންޑޯރ ހަރަކާތެއް ބޭއްވުންވަނީ މަނާކޮށްފައެވެ.